އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަބްދުއްލަތީފް އަލީއާއި އެ ސްކޫލްގެ ކުރީގެ ލީޑިންގް ޓީޗަރު އަބްދުﷲ ޒުހައިރުގެ މައްޗަށް މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރި ކަމުގެ ކުށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ސާބިތުވާތީވެ، އެ ދެ މީހުންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީއިން ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބަޖެޓް ޕުލޭނިންގް، ފައިނޭންޝަލް ކޮންޓްރޯލް އެންޑް އިންޓާނަލް އޮޑިޓް ސެކްޝަނުން ސ. ފޭދޫ ސްކޫލުގެ މުދަލާއި ފައިސާގެ ހިސާބުތައް 2009 ވަނަ އަހަރުގެ ޖެނުއަރީން 2010 ގެ ސެޕްޓެމްބަރުގެ ނިޔަލަށް ބެލިއިރު ފޭދޫ ސްކޫލުން އިއުލާންކުރުމެއް ނެތި ކޮންސްޓްރަކްޝަން ކުންފުންޏަކާ ހަވާލުކޮށްގެން 42،501 ރުފިޔާގެ މަސައްކަތެއް ނިންމާފައިވާ މައްސަލަ ފެންމަތިވި ކަމަށެވެ.

އެ މައްސަލަ އޭސީސީއިން ތަހުގީގުކޮށް ބެލިއިރު، އެ މަސައްކަތް އިއުލާންކުރުމެއް ނެތި އަދި ތިން ފަރާތެއްގެ އަގު ހޯދުމެއް ނެތި ފަސް ބަޔަށް ބަހާލައިގެން ކޮށްފައިވާ ކަމަށާއި މަސައްކަތް ހަވާލުކޮށްފައި ވަނީ ސ. ފޭދޫ "އަރިއަސް ކޮންސްޓްރަކްޝަން" ކިޔާ ކުންފުންޏަކާ އެވެ.

ޑިސެމްބަރު 6، 2009ގައި އަރިއަސް ކޮންސްޓްރަކްޝަނުން ހަދާފައިވާ ފަސް ބިލެއްގައިވާ ޖުމްލަ 42،501 ރުފިޔާ ޑިސެމްބަރު 9، 2009ގައި ފޭދޫ ސްކޫލުގެ ވަގުތީ އެކައުންޓުގެ ދެ ޗެކަކުން ދައްކާފައިވާ ކަން ސްކޫލުގެ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީއިން ބުނެ އެވެ.

އޭސީސީއިން ބުނީ އަރިއަސް ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވާ ފަސް ބިލަކީ ކުރި މަސައްކަތުގެ ބިލް ކަމެއް ނުވަތަ ސްކޫލުން ދީފައިވާ ދެ ޗެކަކީ އެ ބިލްތަކަށް ދެއްކި ފައިސާކަން އެއްވެސް ލިޔެކިޔުމަކުން ސާބިތުވާން ނެތް ކަމަށެވެ.

އެ ބިލްތަކަށް ފައިސާ ލިބިފައިވާ ކަމުގެ ލިޔެކިޔުންތައް އަރިއަސް ކޮންސްޓްރަކްޝަނުން ފަހުން ތައްޔާރުކޮށްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ޓީމް ފޭދޫ ސްކޫލު އޮޑިޓްކުރަން އަންނަކަން އެނގިގެން ކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އޭސީސީއިން ބުނީ ފޭދޫ ސްކޫލުގެ ވަގުތީ އެކައުންޓުން ދެޗެކަކަށް ފައިސާ ދައްކާފައިވާއިރު ޗެކު ނަމްބަރު 2278 އިން 34،751 ރުފިޔާ ނަގާފައިވާ ކަމަށާއި، މިފައިސާއަކީ ފޭދޫ ސްކޫލުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކޮށް ޓީޗަރުން ހޯދުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލަށް ދިނުމާ ގުޅިގެން، އެސްކޫލަށް ޓީޗަރުން ހޯދުމަށް އަބްދުﷲ ޒުހައިރާއި އަބްދުއްލަތީފު އަލީ އިންޑިއާއަށް ކުރި ދަތުރަކަށް ހަރަދުކުރަން ނެގި ފައިސާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މިފައިސާ އިންޑިއާއަށް ކުރި ދަތުރަށް ހަރަދުކުރުމަށްފަހު، އެފައިސާއަކީ އަރިއަސް ކޮންސްޓްރަކްޝަނުން ސްކޫލުގައި ކުރި މަސައްކަތަށް ހަރަދުކުރި ފައިސާކަން ދެއްކުމަށް އެކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.

އޭސީސީއިން ބުނީ މި މައްސަލާގައި ފޭދޫ ސްކޫލުގެ ކުރީގެ ލީޑިންގް ޓީޗަރު އަބްދުﷲ ޒުހައިރާއި އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަބްދުއްލަތީފު އަލީގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖައިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ ކުރުމަށާއި މިއަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ޕީޖީގައި އެދިފައިވާ ކަމަށެވެ.

އަދި މިމައްސަލާގައި 2278 ޗެކުގައިވާ ފައިސާއާ ބެހޭ ގޮތުން އަބްދުﷲ ޒުހައިރާއި އެސްކޫލުގެ ސަރުދާރުގެ މަގާމުގައި ހުރި މުހައްމަދު ޝަފީއު އާއި އަރިއަސް ކޮންސްޓްރަކްޝަންގެ ވެރި ފަރާތް ހަސަން ލުތުފީ އޭސީސީގެ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާކަން ފާހަގަކުރެވޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން މިމީހުންގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.