މުއްދަތެއް ނެތްގޮތަށް ސަސްޕެންޑު ކޮށްފައިވާތީ ޖުޑިޝަލް ސާވިސް ކޮމިޝަނާއި ދެކޮޅަށް ދެވަނަ ފަހަރަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އަހްމަދު ޝަރީފްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިހަފްތާގެ ތެރޭގައި ކަމަށާއި ކުރިން ވެސް އެދިފައިވާ ގޮތަށް މިފަހަރު ވެސް ވަގުތީ އަމުރަކަށް އެދިފައިވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ވަގުތީ އަމުރަކަށް އެދިފައި ވަނީ އެ މައްސަލަ ސިވިލް ކޯޓުން ނިމުމުގެ ކުރިން ޝަރީފްއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރެއް ނެރެދިނުމަށެވެ. ކުރިން ހުށަހެޅި މައްސަލައިގައި ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދީފަ އެވެ.

އެ މައްސަލަ ކުރިން ބާތިލުކޮށްފައި ވަނީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސް ބާއްވަން ތާވަލުކޮށްފައި އޮތް ގަޑިއަށް، މަގުބޫލު އުޒުރެއް ނެތި ސުއޫދު ހާޒިރުވެފައި ނުވާތީ ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފަ އެވެ.

ޖޭއެސްސީން ބުނެފައި ވަނީ މުއްދަތެއް ނެތް ގޮތަށް ޝަރީފް ސަސްޕެންޑްކޮށްފައި ވަނީ ހައިކޯޓުގެ ހަތް ފަނޑިޔާރަކު އޭނާއާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ކަމަށެވެ.