ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ރޭ ޖަޕާން ކުރިހޯދާފައިވަނިކޮށް ފަހަތުން އަރައި 3-4 ލަނޑުން މެޗު ކާމިޔާބުކޮށް އިޓަލީ، މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޭގެ ފޯރިގަދަ މެޗުގައި އޭޝިޔާގެ ޗެމްޕިއަނުންނަށް ލީޑު ނަގައިދިނީ، މެޗުގެ 22 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކެއިސުކޭ ހޮންޑާ އެވެ. އަދި އޭގެ 10 މިނިޓު ފަހުން ޝިންޖީ ކަގާވާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޖަޕާނަށް 2-0 އަށް ލީޑު ފުޅާކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އިޓަލީގެ ކުޅުން ވަރުގަދަކޮށް ޖަޕާނުގެ ގޯލް ހުޅުވާލީ 41 ވަނަ މިނިޓުގައި ޑި ރޮސީއެވެ. އަދި ފަހު ހާފުގެ ކުޅުން ފެށިގެން 10 ވަރަކަށް މިނިޓުގެ ތެރޭގައި ޖަޕާންގެ އަޓްސޫޓޯ އުޗިޑާ އަތުން ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ ހަމަހަމަ ވެފައިވަނިކޮށް އިޓަލީއަށް ފުރަތަ ފަހަރަށް އެ މެޗުގެ ކުރި ހޯދައިދިނީ 53 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މާރިއޯ ބަލޮޓެލީ އެވެ.

ޝިންޖީ އޮކަޒަކީ 69 ވަނަ މިނިޓުގައި ޖަޕާނަށް މެޗުގެ ނަތީޖާ 3-3 ލަނޑުން ހަމަހަމަ ކޮށްދިން ނަމަވެސް 86 ވަނަ މިނިޓުގައި އިޓަލީގެ ސެބާސްޓިއަން ޖިއޮވިންކޯ ވަނީ ލަނޑެއް ކާމިޔާބުކޮށް، ޖަޕާނަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ބަންދުކޮށް އިޓަލީއަށް ސެމީފައިނަލް ކަށަވަރު ކޮށްދީފަ އެވެ.

ރޭގެ މެޗުން މޮޅުވެ އިޓަލީ އަށް ސެމީފައިނަލް ކަށަވަރުވެފައިވާ އިރު ގްރޫޕް އޭގެ އެއްވަނަ ޓީމެއްގެ ގޮތުގައި ބްރެޒިލްއަށްވެސް ވަނީ ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ވެފައެވެ.

ޖަޕާން އަތުން ރޭ އިޓަލީ މޮޅުވި ނަމަވެސް ފުޓްބޯޅައިގެ ތަޖްރިބާކާރުން ދެކޭގޮތުގައި އެ މެޗަކީ ޖަޕާނަށް މޮޅުވުން ހައްގު މެޗެކެވެ. އަދި އަންނަ އަހަރުގެ ވޯލްކަޕުން ފުރަތަމަ ޖާގަ ހޯދި އޭޝިޔާގެ ޗެމްޕިއަނުން ވަނީ، ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ ރަނގަޅަށް ތަޅުވާލާފަ އެވެ.

މެޗާ ބެހޭގޮތުން އިޓަލީގެ ކޯޗު ޕްރެންޑަލީ ބުނީ، ރޭގެ މެޗުގައި ޖަޕާނުއަތުން އޭނާގެ ޓީމަށް މޮޅުވެވުނީ ވަރަށް އުނދަގުލުން ކަމަށާއި އެ މެޗުގައި އިޓަލީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މޫސުން ކަމަށެވެ.