ޓްރިޕޮލީ (ޖޫން 20): އެމެރިކާ އިން ލީބިޔާ އަށް އައު ސަފީރަކު ހަމަޖައްސައިފި އެވެ. ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ދިން ޙަމަލާއެއްގައި ލީބިޔާގައި ކުރިން ހުންނެވި އެމެރިކާގެ ސަފީރު ކްރިސް ސްޓީވަންޒް އަވަހާރަވެފައިވުމާ ގުޅިގެން މިމަޤާމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޢައްޔަން ކުރައްވާފައި ވަނީ އަންހެން ޑިޕްލޮމޭޓެއް ކަމަށްވާ ޑިޕޫރާ ޖޯންސް އެވެ. ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ދިން ޙަމަލާގައި އެޢިމާރާތް ވަނީ އަންދާލާފަ އެވެ.

ޑިޕޫރާ އަކީ 2008 ން 2011 އަށް ކުވައިތުގައި ހުންނަވާ އެމެރިކާގެ ސަފީރުކަމުގެ މަޤާމް އަދާކުރައްވާފައިވާ އަދި ވަރަށް ފުރިހަމައަށް ޢަރަބި ބަސް ދެނެވަޑައިގަންނަވާ އަންހެން ބޭފުޅެކެވެ. ލީބިޔާގެ ރަސްމީ ޓީވީ ބުނާގޮތުން އެމެރިކާގެ އައު ސަފީރުގެ ހައިސިއްޔަތުން ޑިބޫރާ އޭނާގެ މަޤާމުންގެ ފަތްކޮޅު މިއަދުގެ ވަގުތެއްގައި ލީބިޔާގެ ޕާލަމެންޓްގެ ރައީސަށް އަރުވާނެ އެވެ.

ލީބިޔާގައި މިހާރު ކުރިއަށްދާ ވެރިކަމުގެ އިންތިގާލީ މަރްހަލާގައި ބޮޑުވަޒީރަކު ހުންނެވި ނަމަވެސް ރައީސަކު ނުހުންނަވާތީ ރައީސްގެ މަޤާމު އަދާކުރައްވަނީ ޕާލަމެންޓްގެ ރައީސެވެ. ލީބިޔާގައި ހުންނަވާ އެމެރިކާގެ ސަފީރުކަމުގެ މަޤާމަށް އޮބާމާ ޢައްޔަން ކުރައްވާފައިވާ ޑިޕޫރާ އަށް ސެނެޓުން ރުހުން ދީފައި ވަނީ މިމަހުގެ ކުރީކޮޅުގަ އެވެ. ލީބިޔާގައި ހުންނަވާ އެމެރިކާ ސަފީރު ކަމުގެ ހުވާ އޭނާ ކުރައްވާފައި ވަނީ މިމަހުގެ 12 ވަނަދުވަހު އެމެރިކާގެ ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޑިޕޫރާ މިދިޔަ އަންގާރަ ދުވަހު ވަނީ ލީބިޔާ އަށް ވަޑައިގެންފަ އެވެ. (އަލްޖަޒީރާ)