20 Jun 2013, 09:32
ބާލިން (ޖޫން 20): ދުނިޔޭން ނިއުކްލިޔާ ހަތިޔާރު މަދުކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގޮވާލެއްވި ގޮވާލެއްވުމަކީ އިޚްލާސްތެރި ގޮވާލެއްވުމެއް ނޫންކަމަށް ރަޝިޔާ ބުނެފި އެވެ.
ޖަރުމަނުގައި ދެއްވި ތަޤްރީރެއްގައި ދުނިޔޭން ނިއުކްލިޔާ ހަތިޔާރު މަދުކުރުމަށް އޮބާމާ ގޮވާލެއްވި ގޮވާލެއްވުމަށް ރައްދު ދެއްވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ޑިމިޓްރީ ރޮގޮޒިން ވިދާޅުވީ ނިއުކްލިޔާ ހަތިޔާރު މަދުކުރުމަށް އޮބާމާ ގޮވާލެއްވީ ނިއުކްލިޔާ ހަތިޔާރުގެ ބަދަލުގައި ބޭނުންކުރާނެ އެހެން ނިޒާމެއް އެމެރިކާއިން ތަރައްޤީ ކުރުމަށްފަހުގައި ކަމަށާ އޮބާމާގެ ގޮވާލެއްވުމުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަމުގަ އެވެ. އެހެންކަމުން އޮބާމާގެ ގޮވާލެއްވުމަށް ރަޝިޔާއިން މާބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށް ވެސް ރޮގޮޒިން ވިދާޅުވި އެވެ.
ނިއުކްލިޔާ ހަތިޔާރުގެ ބަދަލުގައި އެމެރިކާ ތަރައްޤީ ކޮށްފައިވާ ނިޒާމަކީ މިސައިލް އައްޑަނައިގެ ނިޒާމު ކަމަށާ މިއީ ރަޝިޔާގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ އިތުރުން ހަތިޔާރުގެ ވާދަވެރިކަން އިތުވެގެންދާނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ބާރލިންގެ މަޝްހޫރު ބްރޭންޑެންބާގް ގޭޓްގައި އިއްޔެ ދެއްވި ތަޤްރީރު އޮބާމާވަނީ ދުނިޔޭން ނިއުކްލިޔާ ހަތިޔާރު ކޮންޓްރޯލްކޮށް މަދުކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.
އޮބާމާ ވިދާޅުވީ އެމެރިކާގައި މިހާރު ހުރި ނިއުކްލިޔާ ހަތިޔާރުގެ މިންވަރު އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާނުވާ ގޮތަށް ތިންބައިކުޅަ އެއްބަޔަށް މަދުކުރެވިދާނެ ކަމުގަ އެވެ. މިގޮތުން ނިއުކްލިޔާ ހަތިޔާރު މަދުކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް ވުރެ ބޮޑަށް އެމެރިކާއާ ބައިވެރިވުމަށް އޮބާމާ ރަޝިޔާއަށް ގޮވާލެއްވި އެވެ. އަދި ނިއުކްލިޔާ ހަތިޔާރު މަދުކުރުމަށް ނޭޓޯގެ ގައުމުތަކާ ގުޅިގެން އެމެރިކާ ކުރިޔަށް ވުރެ ބޮޑަށް މަސައްކަތްކުރާނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)
އޮބާމާގެ ތަޤްރީރުގައި ދުނިޔޭން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް ގޮވާލެއްވުމުގެ ބަދަލުގައި ގޮވާލައްވާފައިވަނީ ދުނިޔޭން ނިއުކްލިޔަރ ހަތިޔާރު މަދުކޮށް ނިއުކްލިޔަރ ހަތިޔާރު ކޮންޓްރޯލް ކުރުމަށެވެ. އޮބާމާގެ ވާހަކަތައް ބިނާކުރައްވާފައިވަނީ ދުނިޔޭގެ އެހެން ގައުމުތައް ނިއުކްލިޔަރ ބާރުން މަޙްރޫމްކޮށް ނިއުކްލިޔަރ ހަތިޔާރުގެ ކޮންޓްރޯލާއި މޮނޮޕޮލީ ހަމައެކަނި އެމެރިކާއާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އޮންނަގޮތަށް އެމެރިކާ ގެންގުޅޭ ކުރީގެ ވިސްނުންތަކުގެ މައްޗަށް ކަމަށް މުރާސިލުން ބުނެއެވެ.އޮބާމާގެ ވާހަކާގައި އީރާނާއި އުތުރުކޮރެޔާގެ ނިއުކްލިޔަރ ޙަރަކާތްތައް އޮބާމާ ކުށްވެރިކުރައްވާފައިވާއިރު އެމެރިކާގެ މަދަދުލިބޭ އިސްރާއީލުން ނިއުކްލިޔަރ ހަތިޔާރު އުފައްދާ މައްސަލައަށް އޮބާމާ އިޝާރާތް ކުރައްވާފައެއްނުވެއެވެ. (ނޫސްއެޖެންސީތައް)