މީހުން އުފުލުމަށް އާދައިގެ ބަހުގައި 2009 ވަނަ އަހަރުން ފެށި ހިދުމަތް ޒަމާނީވެއްޖެ އެވެ. ޒަމާނާ އެއްގޮތަށް ފަރުމާކޮށްފައިވާ "މެޓްރޯ ސިޓީ" ބަހުގެ ހިދުމަތް އެމްޓީސީސީން ހުޅުމާލެއަށް ތައާރަފްކޮށްފި އެވެ. ކޮންމެހެން ދަތުރުކުރަންޖެހިގެން ކުރި ދަތުރުގެ ބަދަލުގައި، މެޓްރޯ ސިޓީހެ ބަހުގައި ދަތުރުކޮށްލުމުން ކުރެވޭ ތަޖުރިބާ ތަފާތުވެއްޖެ އެވެ. އެއީ ކުރީގެ ތަޖުރިބާގައި ބަހުގެ ދަތުރުކުރުމަކީ ހިތަށް ފަސޭހަ ކަމަކަށް ނުވާތީ އެވެ.

މިދިޔަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުމާލެގައި ފައްޓަވައި ދެއްވި މެޓްރޯ ސީޓީ ބަހުގެ ހިދުމަތާ މެދު ގިނަ ބަޔަކަށް ތްހަމަޖެހުމެއް ލިބިއްޖެ އެވެ.

މެޓްރޯ ބަހުގެ ދަތުރުކޮށްލުމަށް ފަހު ގިނަ މީހުން ބުނަނީ "މެޓްރޯ ބަސް ހަމަ ވަރަށް ފައްކާ" ކަމަށެވެ.

މެޓްރޯ ބަހުގެ ހިތްގައިމު ވާހަކަ ދައްކާ ކޮންމެ މީހަކު ވެސް ފާހަގަކުރަނީ މީގެ ކުރިން ބޭނުންކުރި ބަހުގައި ހުރި އުނަދަގޫތަކެވެ. އޭރު ބޭނުން ކުރަމުން އައި ބަސްތަކުގެ ޖާގައިގެ ދަތިކަން ބޮޑުވުމުގެ ސަބަބުން އެކަކު އަނެއްކަކާއި ފިތިބާރު ވެގެން ނޫނީ އިށީނދެވޭކަށް ނޯވެ އެވެ.

އޭގައި ދަތުރުކުރުމެކޭ "ގަދަ ކަނޑެއްގައި ބޮއްކުރައެއްގައި" ދަތުރުކުރުމެކޭ އެއްފަދަ އެވެ. ބަސް ދެފަޅިއަށް ތަޅުވަމުންދާއިރު އެފުރުޅާލަފާނެ ކަމުގެ ބިރުވެރިކަން ވެސް އުފެދޭވަރެވެ. ނަމަވެސް އެހާލުން މިހާރު އަރައިގަނެވިއްޖެ އެވެ.

މެޓްރޯ ބަހުގެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޖާގަ ބޮޑުކަމެކެވެ. ދެ ބަޔަކަށް ގޮނޑިތައް އަތުރާލާފައި ގޮނޑިތަކުގައި ވެސް އިށީންދެ ތިބެން އެހާމެ ހައްޓަށް ފަސޭހަ އެވެ. މުޅިއެކު 42 ގޮނޑި ބަހުގެ ތެރޭގައި ހުރި އިރު ކޮޅަށް ވެސް 30 މީހުނަށް ތިބެ އެވެ.

"މިހާރު ވަރަށް ޖާގަ ބޮޑު. ފިތިބާރުވެގެން އިންނާކަށް ނުޖެހޭ. މީހެއްގެ ގައިގަ ނުޖެހިވެސް އިށީދެވޭ،" މެޓްރޯ ބަހުގެ ހިދުމަތް ހޯދާ މާބަނޑު އަންހެނަކު ބުންޏެވެ.

މެޓްރޯ ބަހުގެ ހިތްފަސޭހަ ކަމެއް ގެނެސްދޭ ބައެއް ސިފަތަކުގެ ތެރޭގައި އެއާކޯން ކޮށްފައި ހުރުމާއި ޓީވީ ހުރުން ފާހަގަކުރެވެ އެވެ. އޭގެ އިތުރުން ސެކިއުރިޓީ ގޮތުން ކެމެރާ ހަރުކޮށްފައި ހުރެ އެވެ.

"މިހާރު ކުރިން އެ ދުއްވި ބަސްތަކުގައި ހުންނަ އަޑު ފައްގަނޑެއް ނުހުރޭ. ހަމަ ޖެހިލައިގެން އިނދެވޭ. ދެން އެއާކޯން ކޮށްފައި ހުންނައިރު ކިހާ ފިނިވެލާނެ. މެޓްރޯ ބަސް ހަމަ ވަރަށް ފައްކާ،" މާލެ ދިއުމުގެ ކުރިން މެޓްރޯ ބަހުގެ ހިދުމަތް ހޯދާ އަހުމަދިއްޔާ ސްކޫލުގައި އޭލެވެލް ހަދަމުންދާ ކުއްޖަކު މެޓްރޯ ބަހާ މެދު ދެކޭ ގޮތް ހަމާ ކުރަމުން ބުނެލި އެވެ.

ކިތަންމެ ރަނގަޅު ހިދުމަތަކާ މެދު ވެސް ހިތްހަމަ ނުޖެހޭ ބައެއް އުޅޭދާނެ ކަން ގަބޫލުކުރަންޖެހެ އެވެ. އަދި އެހެންމެ ބިނާކުރުވަނިވި ފާޑުތައް ވެސް ކިޔާނެ މީހުން އުޅޭނެ އެވެ. ހުޅުމާލެ މެޓްރޯ ބަހާމެދު ބައެއް މީހުން ޝަކުވާއަކަށް ވެފައި ވަނީ ހިދުމަތަށް ނަގާ އަގެވެ. ރަނގަޅު ހިދުމަތަކަށް އަގެއް ވެސް ނަގަންޖެހެ އެވެ. އެ ފައިސާއަކީ އެ ހިދުމަތް ދޭން ނަގާ އެއްޗެއްކަން ގަބޫލުކުރަންޖެހެ އެވެ.

މެޓްރޯ ބަހުގެ ހިދުމަތަށް އިތުރު 75 ލާރި ނަގަން ފެށުމުން އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކުރި އެވެ. ނަމަވެސް މާލެގައި ހިދުމަތްދެމުންދާ ބަހުގެ ހިދުމަތުން މީހެއްގެ އަތުން ނަގަނީ 5ރ އެވެ. ޓެކްސީއެއް ބޭނުންކޮށްލައިފި ނަމަ 20ރ. ނަގަ އެވެ. އެކަމު ތިން ރުފިޔާ ދީގެން ފަސޭހަ ކަމާ އެކު ދަތުރުކުރެވޭ ބަހުގެ ހިދުމަތް ހޯދުމަށް ޝަކުވާ ކުރެވެނީ އެވެ. އެހެން ކަމުން އޭގެ ފަހަތުގައި ސިޔާސީ މަގުސަދެއް އޮވެދާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ދެން ބައެއް މީހުންގެ ސުވާލަކަށް ވެފައި ވަނީ އެވަރުގެ ބޮޑު ބަހެއް ދުއްވާއިރު އެކްސިޑެންޑްތައް ދިމާވުން އިތުރުނުވާނެތޯ އެވެ. އެމްޓީސީސީން ބުނެފައި ވަނީ އެ ބަސްތަކަކީ އެކްސިޑެންޓްތައް ކުޑަކޮށްދޭ އަދި ބަލަހައްޓަން ފަސޭހަ ބަސްތަކެއް ކަމުގަ އެވެ.

އެމްޓީސީސީގެ ސީއީއޯ ޑރ. އަހްމަދު އަދްހަމް އަބްދުﷲ ވިދާޅުވީ މެޓްރޯ ބަހަކީ އަތަށް ލުއި، ހިތަށް ފަސޭހަ އަދި ތިމާވެއްޓާ ރަހުމަތްތެރި ހިދުމަތެއް ކަމަށެވެ. އަދި އެ ހިދުމަތް ގިނަ ބަޔަކު ގަބޫލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.