މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާގެ މޫނުމަތީ އަގު 100ރ.، 10 ބަޔަށް ބަހައި، ހިއްސާއެއްގެ އަގު 10ރ. އަށް ދަށްކޮށްފި އެވެ.

ރޭ 10:50ން ފަތިހު 4:15 އާ ހަމައަށް ދިގުދެމިގެންދިޔަ އެމްޓީޑީސީގެ 2012 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަށް ހާޒިރުވެފައި ވަނީ 36 ހިއްސާދާރުންނެވެ.

ރޭގެ ޖަލްސާގައި އެމްޓީޑީސީގެ ހިއްސާގެ އަގުދަށްކޮށް އަންނަ މަހުން ފެށިގެން ބޯނަސް ހިއްސާ ދިނުމަށް ނިންމާފައި ވަނީ އެ ކުންފުނީގެ އަސާސީ ގަވައިދަށް ބަދަލުގެނެސްގެނެވެ. އެގޮތުން ރޭ ހިންގާ ގަވައިދަށް ގެނައި ބަދަލާ އެކު އެ ކުންފުނިން 100ރ. އަށް ވިއްކަމުން އައި ހިއްސާގެ އަގު 10ރ.އަށް ކުޑަކޮށް ކޮންމެ 10 ހިއްސާއަކަށް ބޯނަސް ހިއްސާއެއް ދިނުމަށް ނިންމި އެވެ. އެހެން ކަމުން މީގެ ކުރިން ގަނެފައިވާ ކޮންމެ ހިއްސާއެއް 10 ހިއްސާއަށް ބައިވާނެ އެވެ.

ބޯނަސް ހިއްސާ ދިނުމަށް ފާސްކޮށްފައިވީ ނަމަވެސް އެކުންފުންޏަށް ގެއްލުވަމުންދާތީ ވޭތުވެ ދިޔަ ތިން އަހަރު ވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއްނުލިބުނެވެ.

ރޭގެ ޖަލްސާގައި ވަނީ އެކުންފުނީގެ އަސާސީ ގަވައިދަށް އިތުރު ބަދަލުތަކެއްވެސް ގެނެސްފަ އެވެ. އޭގެ ތެރޭގައި އެކުންފުނި އުފެދިފައިވާ މަގުސަދުތައް އިތުރުކޮށްފައިވެ އެވެ. އެގޮތުން އިތުރުކޮށްފައިވާ މަގުސަދުތަކުގެ ތެރޭގައި ޓޫރިޒަމާ ބެހޭ ހުރިހާ ވިޔަފާރިއެއް ހިންގުމާއި ރިއަލް އެސްޓޭޓް ވިޔަފާރިކުރުމާއި ޓްރެވަލް އެޖެންސީތައް ހިންގުން ފަދަ ކަންތައްތައް ހިމެނެ އެވެ. އަދި މީގެ އިތުރުން ރޭގެ ޖަލްސާގައި ވަނީ 26 އިސްލާހެއް ގެނައުމަށް ބަހުސްކޮށްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް އިސްލާހުތައް ފާސްކުރުމަށް ނިންމާފައިވާ އިރު އަނެއްބައި އިސްލާހުތައް ވަނީ ފާސްނުކޮށް ދެން އޮންނަ އޭޖީއެމްއަކަށް އެޖެންޑާކުރުމަށް ނިންމައިފަ އެވެ.

އަހަރީ އާއްމު ޖަލްސާގައި ކުރިޔަށް އޮތް އަހަރު ކުންފުނީގެ ހިއްސާދާރުން ތަމްސީލުކުރުމަށް ބޯޑަށް ފަސް ޑިރެކްޓަރަކު އިންތިހާބުކުރުން އޮތެވެ. އެގޮތުން ސަރުކާރުގެ ވޯޓާއެކު ކުރިއަށް އޮތް އަހަރަށް އެމްޓީޑީސީގެ ބޯޑަށް ހޮވުނު ޑިރެކްޓަރުންނަކީ 63 ވޯޓް ހޯދައިގެން އަހުމަދު ނިޔާޒް އާއި 43 ވޯޓް ހޯދި އަހުމަދު ވާފިރު އާއި 43 ވޯޓް ހޯދައިގެން އަބުދުﷲ ނިސާމްގެ އިތުރުން އަބުދުﷲ ލީމާން ޒާހިރު އާއި 46 ވޯޓް ހޯދި އަލީ މުހައްމަދެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ މާލީ ބަޔާނަށް ބަލާ އިރު އެ ކުންފުންޏަށް ވަނީ ހަތް މިލިއަން ޑޮލަރު (108 މިލިއަން ރުފިޔާ)ގެ ގެއްލުމެއް ވެފަ އެވެ. އަދި އެ ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 20 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) އެވެ. އެއީ 2011 ވަނަ އަހަރު ލިބުނު އާމްމުދަނީ އަށް ވުރެ 17 ޕަސެންޓްގެ ދަށް އަދަދެކެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ފަސް މިލިއަން ޑޮލަރު (82 މިލިއަން ރުފިޔާ) ލިބިފައިވާ އިރު އެއީ 2011 ވަނަ އަހަރު ލިބުނު މިންވަރަށް ވުރެ 36 ޕަސެންޓްގެ ދަށް އަދަދެކެވެ.

އެމްޓީޑީސީގެ ރައުސްމާލަށް ބަލާ އިރު އެއަދަދު 2011 ވަނަ އަހަރު 40 މިލިއަން ޑޮލަރުގައި ހުރި އިރު މިދިޔަ އަހަރު ނިމުނު އިރު އެ މިންވަރު ވަނީ 34 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. އެހެންކަމުން އެއީ 2011 ވަނަ އަހަރަށް ވުރެ 16 ޕަސެންޓް ދަށް ވުމެކެވެ. އަދި މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާއަކަށް ލިބުނު އާމްދަނީ ވެސް ވަނީ ދެ ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ.

ރޭގެ ޖަލްސާގައި އެހެން އަހަރުތަކޭ ވެސް އެއްގޮތަށް 2011 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި އަދި 2012 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި އަދި ކުރިއަށް އޮތް އަހަރަށް އޮޑިޓަރުން ވެސް ހަމަޖެއްސި އެވެ. އެ ކުންފުނީގެ އެކްސްޓާނަލް އޯޑިޓް ފާމެއްގެ ގޮތުގައި ހަމަޖެއްސުމަށް ހިއްސާދާރުން ރުހުން ދިނީ ޕުރައިޒުވޯޓާސް ހައުސްކޫޕާސް އެވެ. އެއީ 16200 ޑޮލަރަށެވެ.

ރޭގެ ޖަލްސާގައި ވެސް ހިއްސާދާރުންގެ ހިޔާލު ފާޅުކުރުމާއި ބޯޑާއި ސުވާލުކުރުން އޮތެވެ. ހިއްސާދާރުންގެ ސުވާލުތަކަށް ބޯޑުން ވަނީ ޖަވާބުދީފަ އެވެ. ހިއްސާދާރުންގެ މައިގަނޑު ކަންބޮޑުވުމަކަށްވެފައި ވަނީ ކުންފުނި ރަނގަޅު މިސްރާބަކަށް ދަތުރުނުކޮށް ކުންފުންޏަށް ގެއްލުމާ ކުރިމަތިވުމެވެ.