20 Jun 2013, 02:45
ބްރެޒިލްގެ ފޯޓަލޭޒާގައި މިރޭ ކުޅުނު ކޮންފެޑެރޭޝަންސް ކަޕްގެ ގްރޫޕް އޭގެ މެޗްގައި މެކްސިކޯ އަތުން 2-0 ން މޮޅުވެ، ބްރެޒިލް އެ މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މެޗުގެ 9 ވަނަ މިނިޓުގައި ބްރެޒިލްއަށް ލީޑު ނަގައިދިނީ ބާސެލޯނާއާ އަލަށް ގުޅުނު ބްރެޒިލްގެ ޒުވާން ފޯވަޑް ނޭމާއެވެ. މެކްސިކޯގެ ޕެނަލްޓީ އޭރިޔާ ބޭރުން ނޭމާ ފޮނުވާލި ބާރު ހަމަލާ މަތަކުރަން މެކްސިކޯގެ ގޯލް ކީޕަރު ހޯސޭ ކޮރޯނާއަށް ކުޑަވެސް ފުރުސަތެއް ނުލިބުނެވެ.
މެޗުގައި މެކްސިކޯއަށް ލަނޑެއް ކާމިޔާބު ކުރާނޭ މާކަ ގިނަ ފުރުސަތު ތަކެއް ނުލިބުނު ނަމަވެސް މެކްސިކޯއިންވެސް ވަނީ ބްރެޒިލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވައިލާފަ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ހާވިޔާ ހެނާންޑޭޒް ބްރެޒިލްގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒްއެވެ.
ބްރެޒިލްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޖޯ އެވެ. ފަހު ހާފުގެ އިތުރު ވަގުތުގައި މެކްސިކޯގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި ގޯލް އޭރިޔާތެރެއިން ނޭމާ ނަގައިދިން ރީތި ހުރަސް، ޖޯ ވަނީ އުންޑައެއްހެން މެކްސިކޯގެ ގޯލްގެ މަތީ ދާގަނޑުގެ މެދަށް ފޮނުވައިލާފަ އެވެ.
މުބާރާތް ހުޅުވި މެޗުގައި ޖަޕާން އަތުން 3-0 ލަނޑުން މޮޅުވި ބްރެޒިލްއަށް މިރޭގެ މެޗަކީ ދެވަނަ މޮޅެވެ. އަދި މިރޭ އިޓަލީއާއި ޖަޕާން ކުޅޭ މެޗުން އިޓަލީ މޮޅުވެއްޖެ ނަމަ، ގްރޫޕް އޭގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު މިހާރު އޮތް ބްރެޒިލްއަށް ސެމީފައިނަލް ކަށަވަރު ވާނެ އެވެ.
މިރޭގެ މެޗުން ޖަޕާން އަތުން މޮޅު ވެވިއްޖެ ނަމަ އިޓަލީއަށްވެސް ސެމީ ފައިނަލް ކަށަވަރު ވާނެ އެވެ. އަދި ބްރެޒިލް ގްރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗުގައި ވާދަކުރާން ޖެހޭނީ އިޓަލީއާއެވެ.