19 Jun 2013, 23:47
ވައިގެ ދަތުރުފަތުރުގެ ހިދުމަތުގެ އަގު ވަޒަންކޮށް ދުނިޔޭގައި ދޭ އެންމެ ފަހުރުވެރި އެވޯޑުކަމަށްވާ "ސްކައިޓްރެކްސް ވާރލްޑް އެއަރލައިން އެވޯޑްސް" ގެ ތަފާތު ތިން ވަނައެއް ގަތަރު އެއާވެސްއަށް ލިބިއްޖެއެވެ.
ފުރާންސްގެ ވެރިރަށް ޕެރިސްގެ އަވަށެއް ކަމަށްވާ ލަ ބޮރޝެއި ގައި އިއްޔެ ބޭއްވި މި އެވޯޑު ހަފުލާގައި ގަތަރު އެއާވޭސް އަށް ވަނީ "ދުނިޔޭގެ އެންމެ ރަނގަޅު ބިޒްނަސް ކްލާސް" އެވޯޑުގެ އިތުރުން "ދުނިޔޭގެ އެންމެ ރަނގަޅު ބިޒްނަސް ކްލާގެ ލައުންޖް" އެވޯޑާއި "މެދު އިރުމަތީގެ އެންމެ ރަނގަޅު އެއާލައިން ސްޓާފް ސާވިސް" އެވޯޑު ވެސް ވަނީ ލިބިފައެވެ. މިއީ އެ އެއާލައިނުން އެންމެ ރަނގަޅު ބިޒްނަސް ކްލާސް ލައުންޖުގެ އެވޯޑު ޖެހިޖެހިންގެ ހޯދި ދެވަނަ އަހަރު ވެސް މެއެވެ.
ދުނިޔޭގެ އެންމެ ރަނގަޅު އެއާލައިން، "ވާރލްޑްސް ބެސްޓް އެއާލައިން" އެވޯޑު ލިބުނީ އެމިރޭޓްސްއަށެވެ. ދެވަނައަށް އެންމެ ރަނގަޅު އެއާލައިންކަށް ގަތަރު އެއާވޭސް ހޮވުނުއިރު، ތިންވަނަ ލިބުނީ ސިންގަޕޯ އެއާލައިންސް އަށެވެ. މި އަހަރު އެމިރޭޓްސްއަށް ލިބުނު އެހެން އެވޯޑުތަކުގެ ތެރޭގައި، މެދު އިރުމަތީގެ އެންމެ ރަނގަޅު އެއާލައިންގެ އެވޯޑާއި އެންމެ ރަނގަޅު "އިންފްލައިންޓް އެންޓަރޓެއިންމަންޓް" ނުވަތަ މަތިންދާބޯޓުގެ މުނިފޫހި ފިލުވުމުގެ ވަސީލަތްތަކުގެ އެވޯޑުވެސް ހިމެނެއެވެ.
އިނގިރޭސިވިލާތުގައި ގާއިމުވެފައިވާ ސްކައިޓްރެކްސް ކުންފުނިން އަހަރަކު އެއްފަހަރު ދޭ "ވާރލްޑް އެއާލައިން އެވޯޑްސް" އަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް އެންމެ ރަނގަޅަށްދޭ ފަރާތްތަކުގެ ފެންވަރު ކަނޑައަޅައި އަދި އަޅައިކިޔުމުގެ މިންގަނޑު ކަމަށް ވަނީ ވެފައެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެންމެ ބޮޑު އަދި އެންމެ ފުޅާކޮށް ބަލައިގަނެފައިވާ މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅެނީ 160 ގައުމެއްގެ މީހުން ބައިވެރިކޮށްގެން އަހަރަކު އެއްފަހަރު ހަދާ ދިރާސާއަކުންނެވެ.
އެވޯޑު ހަފުލާއަށް ފަހު ވާހަކަދައްކަވަމުން ގަތަރު އެއާވޭސް ގެ ސީއީއޯ އަކްބަރު އަލް ބޭކާ ވިދާޅުވީ މި އެވޯޑު ކަނޑައެޅެނީ އާންމުންގެ ހިޔާލަށް ބިނާވެގެން ކަމަށްވުމުން، މި އެވޯޑު ވެގެން ގޮސްފައި ވަނީ އަގުވަޒަންކުރުމުގެ ނަމޫނާއަކަށް ކަމަށާއި، ގަތަރު އެއާވެސް އަށް ލިބުނު އެވޯޑުތަކުން ހާމަކޮށްދެނީ އެ އެއާލައިނުން ހިދުމަތްހޯދާފައިވާ ފަރާތްތަކުގެ ހިތްހަމަޖެހުން ކަމުގަ އެވެ.
ގަތަރު އެއާވޭސްގެ މުވައްޒަފުންނަށް ތައުރީފުކޮށް ޝުކުރުއަދާކުރައްވަމުން އަކްބަރު އަލް ބޭކާ ވިދާޅުވީ އެ އެއާލައިނަށް ލިބުނު މި އެވޯޑުތަކުގެ "އަސްލު ބަތޮލުންނަކީ" އެ އެއާލައިންގެ މުވައްޒަފުން ކަމަށާއި އެ އެއާލައިން ކާމިޔާބު އެއާލައިނެއްގެ ދަރަޖައަށް ގެނަސްދިނީ ގަތަރު އެއާވޭސްގެ މުވައްޒަފުންގެ ބުރަ މަސައްކަތާއި، ހިއްމަތާ މިންނަތުން ކަމަށެވެ.
ގަތަރު އެއާވެސްއިން ވަނީ 2010 ވަނައަހަރުވެސް ދުނިޔޭގެ އެންމެ ރަނގަޅު ބިޒްނަސް ކްލާހުގެ އެވޯޑު ހޯދާފައެވެ. އަދި 2011 ވަނަ އަހަރާއި 2012 ވަނަ ވަނީ މުޅި ދުނިޔޭގެ އެންމެ ރަނގަޅު އެއާލައިންގެ މަގާމުވެސް ހޯދާފައެވެ.