ފަނޑިޔާރުންނާ ބެހޭ ގޮތުން 131 ޝަކުވާއެއް މި އަހަރު ހުށަހަޅާފައިވާއިރު މިހާތަނަށް ބަލާފައި ވަނީ ތިން ޝަކުވާއެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.


އެ ކޮމިޝަނުން ބުނީ މި އަހަރު މިހާތަނަށް ގިނަ އަދަދެއްގެ ޝަކުވާ ފަނޑިޔާރުންނާ މެދު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ތިން ޝަކުވާއެއް ފިޔަވައި އެއް ވެސް ޝަކުވާއެއް ބަލާފައި ނުވާއިރު ކޮމިޝަންގެ ޝަކުވާ ކޮމެޓީގެ މަސައްކަތް ހުއްޓިފައި އޮންނަތާ ފަސް މަސް ދުވަސް ވެއްޖެ ކަމަށެވެ.


ކޮމިޝަނުން ބުނީ ޝަކުވާ ކޮމިޓީގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު، ޝަކުވާ ކޮމިޓީ އަލުން އެކުލަވާލަފައިވާ ކަމަށެވެ. އަދި ބުނީ ކޮމެޓީ އަލުން އެކުލަވައިލި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުންނާއި ޝަކުވާ ކޮމިޓީއަށް ކަނޑައަޅާފައިވާ ގަޑިއާ ފުށުއަރާ ގޮތަށް ކޮމިޝަނުގެ ޖަލްސާތައް ހަމަޖައްސާތީ ޝަކުވާ ކޮމިޓީގެ ޖަލްސާއެއް ނުބޭއްވޭ ކަމަށެވެ.


ޝަކުވާ ބަލާ ކޮމެޓީގެ މުގައްރިރަކީ އައިޝަތު ވެލެޒިނީ އެވެ.