19 Jun 2013, 23:30
ދިރާގު ދިވެހި ލީގުގައި މިރޭ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ލަނޑެއް ކާމިޔާބުކޮށް ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރައި 1-1 ލަނޑުން ނަތީޖާ ހަމަހަމަކޮށް، އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އިން މާޒިޔާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
މެޗުގެ 20 ވަނަ މިނިޓުގައި މާޒިޔާއަށް ކުރި ހޯދައިދިނީ އަޙްމަދު ނާޝިދު (ނާއްޓޭ) އެވެ. އެހެން ނަމަވެސް އޭވައިއެލްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 35 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އޭވައިއެލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ސިއަރަލިއޯން ފޯވަޑް އަބޫ ޑެސްމޮންޑް މަންސާރޭ އެވެ.
ފަހު ހާފުގައި މާޒިޔާއަށް ނަތީޖާ ބަދަލު ކޮށްލާނޭ ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 78 ވަނަ މިނިޓުގައި އަސަދުﷲ ޢަބްދުﷲ ފޮނުވާލި ޕެނަލްޓީ، އޭވައިއެލްގެ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފަ ނުކުތީ ބޭރަށެވެ.
މިރޭގެ މެޗް އެއްވަރުވުމުން ތާވަލުގެ ދެ ވަނައިގައި އޮތް މާޒިޔާއަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް އޭވައިއެލްއަށް 15 ޕޮއިންޓާއެކު، ރެލިގޭޝަނުން ސަލާމަތްވުމުގެ ހިތްހަމަޖެހުން ވަނީ ލިބިފަ އެވެ. މިއަދު ހަވީރު ވިކްޓަރީ އަތުން މޮޅުވެ 39 ޕޮއިންޓާއެކު ނިއުރޭޑިއެންޓް ތާވަލުގެ އެއްވަނައިގައި އޮތްއިރު އެ މެޗުން ބަލިވި ވިކްޓަރީ އޮތީ 11 ޕޮއިންޓާއެކު ހަތްވަނައިގަ އެވެ.
ދިރާގު ދިވެހި ލީގުގައި މާދަމާވެސް ދެ މެޗް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހަވީރު ކުޅެން ހަމަޖެހިފަވާ މެޗްގައި ވާދަކުރާނީ 17 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި އޮތް ކްލަބް ވެލެންސިޔާއާއި 13 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އޮތް ކްލަބް އީގަލްސް އެވެ. ރޭގަނޑު 9:00ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ 13 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައި އޮތް ބީޖީ ސްޕޯޓްސްއާއި 9 ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތް ވީބީ އައްޑޫ އެފްސީ އެވެ.