19 Jun 2013, 22:11
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް މިޒްނާ ޝަރީފު އިއްޔެ އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.
މިޒްނާ އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު ސިޓީއެއް ފޮނުއްވި ކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ ކީއްވެ ކަމެއް ރައީސް އޮފީހުގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.
މިޒްނާ މިރޭ ސަން އަށް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ މައިގަނޑު ގޮތެއްގައި މިނިސްޓަރާ ހިޔާލުތަފާތުވާ ގިނަ މައްސަލަތަކެއް ހުރެގެން ކަމަށެވެ. އޭގެ ތެރޭގައި މިނިސްޓަރު އަމަލުކުރައްވާ ގޮތުން ބައެއް ޕިކްނިކް އައިލެންޑްތައް ސަބް ލީސް ކޮށްގެން އުޅޭ ފަރާތްތަކުގެ ހައްގު ގެއްލޭ ކަމަށާއި އެފަދަ ބައެއް މައްސަލަތައް މިހާރު ކޯޓު މަރުހަލާގައި ވެސް ވާ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ފަރާތްތަކުގެ މޯގޭޖު މައްްސަލަތަކުގައި މިނިސްޓްރީން އަމަލުކުރާ ގޮތުން ބޭންކްތައް ކުރިމަތީގައި މިނިސްޓްރީގެ އިތުބާރު ގެއްލޭ ފަދަ ހާލަތްތައް ދިމާވެފައި ހުރި ކަމަށެވެ.
މިޒްނާ ވިދާޅުވީ މިނިސްޓަރު ބައެއް ކަންކަން ކުރައްވަނީ ސިވިލް ސާވިސްއާ ވެސް ނުބައްސައި ގިނި ކަންޏާ ކަމަށާއި އަނެއް ބައި ކަންކަން ބައްސަވަނީ ސިވިލް ސާވިސްގެ ބައެއް މުވައްޒަފުންނާ ކަމަށެވެ. އަދި ޖުމްލަކޮށް ކަންކަން ނިންމެވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުފުޅުތައް ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ޕޮލިސީތައް މިނިސްޓްރީން ތަންފީޒު ކުރުމުގައި ބައެއް ފަރާތްތަކުގެ މަސްލަހަތަށް އިސްކަން ލިބޭ ގޮތަށް މިނިސްޓަރުގެ އަމަލުފުޅުތައް ހުންނަ ކަމަށެެވެ.
އޭނާގެ އިސްތިއުފާ އާއި ޓޫރިޒަމް މިނިސްޓަރުގެ ނައިބު މަލީހު ޖަމީލު ސަރުކާރުން ވަކިކުރެއްވުމާ ގުޅުމެއް ނެތް ކަމަށް ވެސް މިޒްނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ މިޒްނާ ބޮޑަށް އިސްކަން ދެއްވަނީ އޭނާ މަސައްކަތްކުރައްވާ ލޯފާމްގެ މަސްލަހަތު އިސް ކުރެއްވުމަށް ކަމަށެވެ. އަދި މިނިސްޓަރާ ވަރަށް ގިނަ ކަންކަމުގައި ހިޔާލުތަފާތުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.