19 Jun 2013, 20:41
ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ވިކްޓަރީ އަތުން 3-0 ލަނޑުން މެޗް ކާމިޔާބު ކޮށް މިއަހަރުގެ ލީގު ދިފާއުކުރުމާ ހަތް ޕޮއިންޓް ގާތަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ޖެހިލައިފި އެވެ.
މިއަދުގެ މެޗުގައި ނިއުގެ ފުރަތަމަ ލަނޑު ޖެހީ މުހައްމަދު އުމޭރެވެ. ނިއުގެ ދެވަނަ ލަނޑު ކާމިޔާބު ކޮއްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި ނިއުއިން ވިކްޓަރީ ކޮޅަށް ޖެހި އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަދި ދަނގަޑޭ ނިއުއަށް މިއަދު ކާމިޔާބު ކޮށްދިން ލަނޑާއެކު މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި އޭނަ ޖެހި ލަނޑުގެ ޖުމްލަ އަދަދު ވަނީ 30 އަރާފައެވެ.
ނިއުއަތުން ވިކްޓަރީ މިއަދު ބަލިވުމާއެކު، ވިކްޓަރީއަށް މިހާރު ވަނީ ރެލިގޭޝަން ކުޅެން ޖެހޭނެ ކަމުގެ ބިރު ބޮޑުވެފަ އެވެ.
މިއަދުގެ މޮޅާއެކު ލީގުގެ އެއްވަނަ މަގާމްގައި އެއްވެސް ބިރެއްނެތި ނިއު އޮތީ 39 ޕޮއިންޓާ އެކުއެވެ. އަދި ލީގުގެ ދެވަނަ މަގާމް ގައި 24 ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ. މިދެޓީމުގެ ޕޮއިންޓުގެ ފަރަގަށް ބެލި ކަމުގައި ވިޔަސް، ނިއުއަށް މިފަހަރުގެ ލީގް ދިފާއުކުރަން ބޭނުން ވަނީ ހަމަ އެންމެ ހަތް ޕޮއިންޓެވެ. އެހެން ކަމުން ނިއުއަށް މިހާރު ވަނީ ލީގް ކަށަވަރު ވެފައެވެ.
ނިއު އަތުން މިއަދު ބަލިވި ވިކްޓަރީ އޮތީ 11 ޕޮއިންޓާ އެކު ލީގުގެ ފަހަތުން ދެ ވަނަ މަގާމް ގައެވެ.
ލީގުގައި މިރޭ ކުޅޭނީ މާޒިޔާ އާއި އޭވައިއެލް އެވެ. އަދި ލީގުގައި މާދަމާ ހަވީރު އީގަލްސް އާއި ވެލެންސިއާ ކުޅޭއިރު، މާދަމާ ރޭ ކުޅޭނީ ވީބީ އާއި ބީޖީއެވެ.
ލީގުގެ ދެ ވަނަ ބުރުގައި ކޮންމެ ޓީމަކަށް ބާކީ އެންމެ މެޗެއް އޮތްއިރު ރެލިގޭޝަން ކުޅެން ޖެހޭނީ ދެ ވަނަ ބުރު ނިމޭއިރު އެންމެ މަދުން ޕޮއިންޓް ލިބޭ ދެ ޓީމެވެ.