މިދިޔަ އަހަރުގެ ނޮވެމްބަރުގައި ކުލަބް ވެލެންސިޔާއާ ގުޅުނު ވީބީއައްޑޫ އެފްސީގެ ކުރީގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ)، މުސާރައިގެ މައްސަލައިގާ ވެލެންސިޔާއާ ދުރުގައި ހުރުމަށްފަހު މިއަދު އެނބުރި ވީބީއަށް ބަދަލުވެއްޖެ އެވެ.

ވީބީގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ)، ސަންއަށް ދިން އިންޓަވިއުއެއްގައި ބުނީ ބޮންޑާ މިއަދު އެނބުރި ވީބީއާ ގުޅުނީ ދެފަރާތުން އެއްބަސްވާ އަގެއްގައި ކަމަށާއި، އަދި ބޮންޑާގެ ފުޓްބޯޅަ ކެރިއަރު ނިމެންދެންވެސް ދެން އޭނާ ހުންނާނީ ވީބީގައި ކަމަށެވެ.

"ބޮންޑާ ވެލެންސިޔާއަށް ބަދަލުވީ، ވީބީން ކުރިން ދިން އަދަދަށްވުރެ ހަތަރު ގުނަ ބޮޑު ހުށަހެޅުމެއް ވެލެންސިޔާއިން ދޭން އެއްބަސްވުމުން. އެކަމަކު އެކަން ރަނގަޅަކަށް ނުދިޔަ. ދެން މިހާރު ބޮންޑާ އެނބުރި ވީބީއަށް ބަދަލުވީ، އޭނާގެ ރިލީޒަށް ވެލެންސިޔާއިން އެދުނު ފީ ވީބީއިން ހުށަހެޅުމުން،" ސަތޯ ބުންޏެވެ. "ބޮންޑާ އަލުން މި ޓީމަށް ގުޅުނީ ދެފަރާތުންވެސް ހިތްހަމަ ޖެހޭ އަގަކަށް. އަދި ބޮންޑާ ފުޓްބޯޅަ ކެރިއަރު ނިމެންދެންވެސް ހުންނާނީ ވީބީގައި ކަމަށް މި ބަލަނީ"

ސަތޯ ބުނީ މާދަމާ ރޭ ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ވީބީ ކުޅޭ މެޗުން ބޮންޑާ ފެންނާނޭ ކަމަށާއި، އަދި މިއަދު ހަވީރު އައްޑޫއިން އެނބުރި މާލެއައި ބޮންޑާ ވަނީ މިރޭ، އެ ކްލަބްގެ ޕްރެކްޓިސްގައި ބައިވެރި ވެފައި ކަމަށެވެ. އަދި މިދިޔަ ދެ ސީޒަންގައިވެސް ވީބީގެ ޖާޒީ ނަންބަރު 10 ގައި ފެނުނު ބޮންޑާ، މި ސީޒަންގެ ބާކީ އޮތް ބައިގައި ފެންނާނީ ވީބީގެ ޖާޒީ ނަންބަރު 4ގައި ކަމަށެވެ.

ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން ކުލަބް ވެލެންސިޔާ ތިނެއް ދޭކުން މޮޅުވި މެޗަށްފަހު، ވެލެންސިޔާއިން ބޮންޑާ ފެނިފައެއްނުވެ އެވެ. އޭގެ ފަހުން ސަންއަށް ދިން އިންޓަވިއުއެއްގައި ބޮންޑާ ބުނެފައިވަނީ، ވެލެންސިޔާއަށް އޭނާ ކުޅުން ހުއްޓާލީ އެ ކްލަބުން ދޭންޖެހޭ މުސާރަ ނުދޭތީ ކަމަށެވެ.