19 Jun 2013, 19:23
ވެލެންސިއާއަށް ކުޅެމުންއަންނަ ގައުމީ ޓީމްގެ ޒުވާން ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް ފާއިތުވި ދެ މަސް ދުވަހުގެ މުސާރަ ނުދޭތީ ވެލެންސިއާގެ ޕްރެކްޓިހަށް ނުކުތުން އޭނަ ހުއްޓާލައިފި އެވެ.
"ސަން"އާ ވަހަކަ ދައްކަމުން ހޮކޭ ބުނީ، ވެލެންސިއާއިން އޭނައަށް ފާއިތުވި ދެމަސް ދުވަހު ދޭން ޖެހޭ 27000 ހަށް ވުރެ ގިނަ ރުފިޔާ ނުދީ އެބޮތް ކަމަށެވެ. އަދި އެ ފައިސާ ލިބުނަސް ވެލެންސިއާގެ ފަރިތަކުންތަކުގައި ދެން ބައިވެރި ވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި މިހާރު ބޭނުން ވަނީ ވެލެންސިއާ ނޫން އެހެން ކޮންމެ ވެސް ކުލަބަކާ ގުޅެން ކަމަށެވެ.
"އަހަރެން މިހާރު ވާނީ ވެލެންސިއާގެ ރިލީޒްއަކަށް ވެސް އެދިފަ. ކުލަބުން ފައިސާ ނުދޭ މައްސަލަ މިހާރު އެފްއޭއެމްއަށް ވެސް ހުށަހަޅައިފިން. ވެލެންސިއާގެ ރިލީޒަށް އެދިފައިވާތާ މިހާރު ދުވަސް ކޮޅެއް ވެއްޖެ. އަދިވެސް އެއްވެސް ޖަވާބެއް ނުލިބެ. ރިލީޒް ނުލިބެ ލަސްވަނީ ކިއްވެގެން ކަމެއް އަހަރެންނަކަށް ނޭނގެ،" މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ކުރީ ކޮޅު ކުލަބް ވެލެންސިއާ އާއި ގުޅުނު ހޮކޭ ބުންޏެވެ.
ހުސްވި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ވިކްޓަރީ ސްޕޯޓްސް ކުލަބުގައި މޮޅު ކުޅުމެއް ދެއްކި ހޮކޭ ބުނީ، މިހާރުވެސް އޭނަ ގެންދިއުމަށް އެދި ދެ ކުލަބަކުން ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށާއި އެހެން ނަމަވެސް އެކުލަބުތަކުގެ ނަން މިވަގުތު ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ.
ހޮކޭ ބުނީ، އެންމެ ފަހުން ވެސް ވެލެންސިއާއަށް އޭނަ މެޗެއް ކުޅެދީފައި ވަނީ ދިރާގު ދިވެހި ލީގުގައި މި މަހުގެ ތިން ވަނަ ދުވަހު ނިއު ރޭޑިއަންޓް އަތުން 2-1 ލަނޑުން ވެލެންސިއާ ބަލިވި މެޗުގައި ކަމަށާއި އޭގެ ފަހުން ކުލަބުގެ އެއްވެސް ފަރިތަކުރުމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.
ސަން އަށް އެގިފައިވާ ގޮތުން ވެލެންސިއާއިން ހޮކޭއަށް ރިލީޒް ލިބިއްޖެ ނަމަ އޭނާ ދެން ގުޅޭނީ މާޒިޔާއަށެވެ.
ވެލެންސިޔާގެ އިސް އޮފިޝަލަކު ވިދާޅުވީ ހޮކޭއަށް ކުލަބުން ދޭންޖެހޭ 27000 ރުފިޔާ ނުދީ އެބޮތް ކަމަށެވެ. އަދި ކުލަބުގެ ރިލީޒްއަކަށް ވެސް ހޮކޭ މިހާރު އެދިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެއްބަސްވެފައިވާ ގޮތުގެ މަތިން މުސާރަ ނުލިބޭ ކަމަށް ބުނެ ދާދިފަހުން ވެލެންސިއާއަށް ކުޅެމުންއައި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޚްތާރު ނަސީރު (ޓޫކިލޯ) ވެސް ވަނީ އެކުލަބުގެ ރިޒީލް ހޯދައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ސޮއި ކޮށްފައެވެ. ޓޫކިލޯއަކީ ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް ކާމިޔާބު ކުރެވުނު ތާރީޚީ ލަނޑު އިންޑިޔާގެ ގޯލަށް ވައްދާލި ތަޖުރިބާކާރު ކުޅުންތެރިއެކެވެ.
ޓޫކިލޯވެސް ވެލެންސިޔާއިން ވަކިވީ އެކުލަބުން އޭނާއަށް ލިބެންޖެހޭ 170،000ރ، އެއްބަސްވުމާ އެއްގޮތަށް ކުލަބުން ދީފައި ނުވާކަމަށް ބުނެ އެވެ.