އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ތައްޔާރު ވުމުގެ މަސައްކަތް ނޭޕާލުގެ ގައުމީ ފުޓްބޯޅަ ޓީމުން ރަސްމީކޮށް ފަށައިފި އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ނޭޕާޅުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށައިފައިވާކަން އެ ގައުމުގެ ކުޅިވަރު ނޫސްތަކުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް) އިން ނޭޕާލްގައި މިފަހަރުގެ މުބާރާތް ބާއްވަން ނިންމާފައި ވަނީ ކުރިން އެ މުބާރާތް ފެށުމަށް ނިންމާފައި ތާރީހު އަވަސް ކުރުމަށްފު އެވެ. ކުރިން އެ މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެންބަރު 17 ގަ އެވެ.

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ، މުބާރާތް އަވަސް ކުރަން ޖެހުނީ މުބާރާތް ކުރިން ބާއްވަން އޮތް ދުވަސްވަރާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސަރަހައްދީ ކުލަބުތައް ކުޅެން ޖެހޭ މެޗްތައް އޮންނަ ދުވަސްވަރާ ދިމާވާތީވެ ކަމަށެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ނޭޕާލްގައި ބާއްވާ ގޮތަށް ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ސާފްގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމަށް ފަހު އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް 1997 ވަނަ އަހަރު ބޭއްވީ ނޭޕާލްގަ އެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލްގައި ރާއްޖެ އަތުން މޮޅުވެ ތަށި އުފުލާލީ އިންޑިއާ އެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އަފްގާނިސްތާން ބަލިކޮށް ހޯދީ ވެސް މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިޔާ އެވެ. އެގޮތުން އިންޑިއާ ވަނީ މިމުބާރާތުގެ ތަށި ހަ ފަހަރަށް ހޯދައިފަ އެވެ.