19 Jun 2013, 17:15
ޖުމްލަ ފަސް ރިސޯޓް ވާދަކުރާ އިންޓަ ރިސޯޓް ބީޗް ވޮލީބޯޅަ މުބާރާތް މި މަހުގެ 27ގައި ފަށަން ވޮލީބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.
ހުސްވި އަހަރު ހެންވޭރު ކޮޅުގައި އޮންނަ އޮންނަ ދޮންގަނޑު ބީޗްވޮލީ ކޯޓުގައި ބޭއްވި މުބާރާތުގައި ވާދަކުރި ފަސް ރިސޯޓަކީ އެންމެ ފަހުގެ ޗެމްޕިއަން ސޮނޭވާފުށި ރިސޯޓާއި އެފަހަރުގެ މުބާރާތުން ރަނަރަޕްކަން ހޯދި ބަނޑޮސް އައިލެންޑް ރިސޯޓާއި އެފަހަރުގެ މުބާރާތުން ތިން ވަނަ ހޯދި ވާދޫ ރިސޯޓާއި ހަތަރު ވަނަ ހޯދި ލިލީ ބީޗް ރިސޯޓް އަދި އެފަހަރުގެ މުބާރާތުން ފަސް ވަނަ ހޯދި ކުލަބް މެޑް ކަނި ރިސޯޓެވެ.
ވޮލީ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ސަންއާ ވާހަކަ ދައްކަމުން ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ މުބާރާތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން މިފަހަރުގެ ގެނައި ބަދަލުތަކުގެ ތެރޭގައި އެންމެ ފަހުގެ ގައުމީ ވޮލީބޯޅަ މުބާރާތުގައި ކުޅެފައިވާ އެއްވެސް ކުޅުންތެރިއަކަށް މިފަހަރުގެ މުބާރާތުގައި ނުކުޅެވޭނެ ކަމަށެވެ.
"މުބާރާތް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށް. މިފަހަރުގެ މުބާރާތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި. މުބާރާތަށް ގެނައި ބަދަލާ އެކު އެންމެ ފަހުގެ ގައުމީ ވޮލީބޯޅަ މުބާރާތުގައި ކުޅެފައިވާ އެއްވެސް ކުޅުންތެރިއަކަށް މިފަހަރު ނުކުޅެވޭނެ. މުބާރާތުގައި ކުޅެވޭނީ މި އަހަރުގެ މާޗު މަހުން ފެށިގެން އެ ރިސޯޓެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުން އެކަނި. އެނޫން ކުޅުންތެރިއަކަށް މުބާރާތުގައި ބައިވެރިއެއް ނުވެވޭނެ." އޮފިޝަލް ވިދާޅުވި އެވެ.
ވޮލީ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރު ވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.