19 Jun 2013, 17:12
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންގެ ބަހުސް އަންނަ ސެޕްޓެމްބަރު 1ގައި ބާއްވާނެ ކަމަށް ޕަބްލިކް ބްރޯޑްކާސްޓަރު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން މިއަދު ބުނެފި އެވެ.
އެމްބީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފީގު މަހުމޫދު "ސަން"އަށް މިއަދު ވިދާޅުވީ ސެޕްޓެންބަރު 1 ވަނަ ދުވަހުގެ ރޭ ބާއްވާ ބަހުސް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ރިޔާސީ ކެންޑިޓޭޓުންގެ ޕާޓީތަކާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ރިޔަސީ ބަހުސް ކުރިއަށް ގެންދާނެ އުސޫލު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި އެ ބަހުސްގައި ހަތަރު ކެންޑިޑޭޓުން ވެސް ބައިވެރިވާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.
ރިޔާސީ ހަތަރު ކެންޑިޓޭޓުންގެ ވައުދުތަކަށް ގެނެސްދިނުމުގެ ގޮތުން ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމުން ހިލޭ ވަގުތު ދިނުމަށް އެމްބީސީން ވަނީ ނިންމައިފަ އެވެ. އެގޮތުން އަންނަ މަހުން ފެށިގެން ރިޔާސީ ކެންޑިޑޭޓުނަށް ވަގުތު ދިނުމަށް ނިންމާފައިވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަގުތުން ގެނެސްދޭ އެ ޕްރޮގްރާމްތަކަށް ވަޑައިގަންނަ ވާނީ އެ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށާއި ގަޑިއެއްހާއިރަށް ކުރިއަށްދާ ޕްރޮގްރާމުގައި އާންމުނަށް ސުވާލު ކުރެވޭނެ ކަމަށެވެ.
"ރިޔާސީ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގެ ގޮތުން އަންނަ މަހުގެ ފެށިގެން ހަތަރު ކެނޑިޑޭޓުންނަށް ހަތަރު ޕްރޮގްރާމް އަޅުގަނޑުމެން ގެނެސްދޭނަން. ދިވެހިރާއްޖޭގެ އަޑުގައި ޕްރޮގްރާމް ކުރިއަށްދާނީ، ޓީވީއެމުން ވެސް އެ ޕްރޮގްރާމް ލައިވްކުރާނެ. ޕްރޮގްރާމް ކުރިއަށްދާއިރު ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާނެ." އެމްބީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތައް ވާދަކޮށްގެން، ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް 2008 ވަނަ އަހަރު ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑުން ވަނީ ސިޔާސީ ޕާޓީތަކަށް ވަގުތު ދޫކޮށްފަ އެވެ. ރާއްޖޭގައި އެދުވަސް ވަރު، އުފެދުނު ހުރިހާ ޕާޓީތަކަށް ވަގުތު ދީގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމަށް ކިޔަނީ "ސިޔާސީ ފެންޑާ" އެވެ.
އެމްބީސީ ގާނޫނުގެ 38 ވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ ގައުމީ އިންތިހާބުތަކާއި ނުވަތަ ލޯކަލް އިންތިހާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓިތަކަށް ކެމްޕޭންގެ މުއްދަތުގައި އެކަށީގެންވާ އުސޫލަކުން ހަމަހަމަ ގޮތެއްގައި އެމްބީސީގެ ޗެނަލްތަކުން ވަގުތު ދޭންވާނެ ކަމަށެވެ.