ސިންގަޕޫރުން ފުރައިގެން ސައުދީ އަރަބިއްޔާގެ ޖިއްދާ އަށް ދަނިކޮށް އިންޑިއާ ކަނޑުގައި އާގުބޯޓެއް 4،000 އަށް ވުރެ ގިނަ ކޮންޓެއިނަރާ އެކު ދެބުރިއަށް ބިނދިއްޖެ އެވެ.

ދެ ބުރިއަށް ބިނދިފައި ވަނީ ޖަޕާނުގެ މިސުއި އޯއެސްކޭ ލައިންސް (އެމްއޯއެލް)ގެ "އެމްއޯއެލް ކޮމްފޮޓް" އެވެ.

އެމްއޯއެލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޖޫން 17 ވަނަ ދުވަހު އެމްއޯއެލް ކޮންފޮޓް އިންޑިއާ ކަނޑުގައި ދުއްވަމުން ދަނިކޮށް މޫސުން ގޯސްވެ، ހިނގާދިޔަ ހާދިސާއެއްގައި އާގުބޯޓުގެ މެދުގައި ރެނދެއް ލާފައިވާ ކަމަށާއި އެ ރެނދު ލުމާ ގުޅިގެން އާގުބޯޓަށް އަމިއްލަ ބާރުގައި ދުއްވިފައި ނުވާ ކަމަށެވެ.

އަދި މިމަހުގެ 18 ވަނަ ދުވަހު ބޯޓުގައި ލާފައިވާ ރެނދު ފުޅާވެ، ދެ ބުރިއަށް ބޯޓު ބިނދުނު ކަމަށާއި މިއަދު ބޯޓު ދެ ބުރި ވަކިވެފައިވާ ކަމަށް އެމްއޯއެލް އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ބޯޓުން ދަތުރުކުރަމުންދިޔަ އެކުންފުނީގެ 26 މުވައްޒަފުން ވެސް ސަލާމަތްކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ބޯޓަށް ބަރާކޮށްފައިވާ 4،382 ކޮންޓެއިނަރުން ގިނަ އަދަދެއްގެ ކޮންޓެއިނަރު ކަނޑަށް އެޅިފައިވާ އިރު، ދެ ބުރިވެފައިވާ ބޯޓު އޮތް ސަރަހައްދުގެ ގޮތުން ކޮންޓެއިނަރުތައް ސަލާމަތް ކުރުމަކީ އުދަނގޫ ކަމަކަށް ވާނެ ކަމަށެވެ.

އެމްއޯއެލް އިން ބުނީ ބޯޓުގެ ކުރި އާއި ފަހަތް ވަކިވެ، މިހާރު ދެފަރާތުގެ ދެމެދުގައި 19 މޭލުގެ ރާސްތާއެއް ވާ ކަމަށެވެ.

ބޯޓުގެ ދެ ބުރި ޓަގުކޮށްގެން އެފްރިކާގެ ބަނދަރަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ އިރު، ބޯޓުގައި ރައްކާކޮށްފައިވާ ތެޔޮ ލީކުވެފައި ނުވާ ކަމަށް އެމްއޯއެލް އިން ބުނެ އެވެ.