02 Nov 2010, 09:36
ލޯކަލްކައުންސިލްތަކުގެ އިންތިހާބު އިއުލާނު ކުރާ ދުވަހުން ފެށިގެން އިންތިހާބު ނިމެންދެން އިންތިހާބު ނިސްބަތްވާ ކައުންސިލުގެ ދާއިރާގެ އެންމެ އިސްވެރިޔަކީ ސިވިލް ސާވިސް އިން ކަނޑައަޅާ ޒިންމާދާރުވެރިޔާ ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފި އެވެ.
ސިވިލްސާވިސް ކޮމިޝަނުން މިއަދު އާންމު ކުރި ސާކިއުލާއެއްގައި ބުނަނީ ލޯކަލް ކައުންސިލްތަކުގެ ދާއިރަތަކުގައި އެންމެ އިސްކޮށް ހުންނާނެ ފަރާތެއް ކަނޑައެޅުމުގެ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތުހާބުގެ ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން އެއްވެސް އިންތިހާބެއް ބާއްވަން އިއުލާނު ކުރާ ދުވަހުން ފެށިގެން އިންތިހާބު ނިމެންދެން އިންތިހާބު ނިސްބަތްވާ ކައުންސިލުގެ އިހުތިސާސްގެ ދާއިރާގައި އެންމެ އިސްވެރިޔާއަކީ ސިވިލްސާވިސްގެ މުވައްޒަފުންގެ ތެރެއިން އެ ކޮމިޝަނުން ކަނޑަޅާ މުވައްޒަފެއް ކަމަށް ގާނޫނު ބުނާތީ އެ ފަރާތަކީ އިންތިހާބު ނިސްބަތްވާ ކައުންސިލްގެ އިހުތިސާސްގެ ދާއިރާގެ އޮފީހުގެ ޒިންމާދާރުވެރިޔާ ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ކޮމިޝަނުން ބުނީ އެ ފަރާތްތައް އޮފީސްތަކުގެ ވެރިންނަށް ތިބޭ ދުވަސްތަކުގައި ސަރުކާރުގެ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ތަންފީޒު ކުރުމުގައި ކުރިޔަށް ގެންދަން ޖެހޭ ހުރިހާ ކަމެއް ގަވައިދާ އެއްގޮތަށް ކުރަން ޖެހޭނީ އެ ފަރާތްތައް ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން މި މަސްއޫލިއްޔަތު ސިވިލްސާވިސް ކޮމިޝަނުން ކަނޑައެޅުމުން ދާއިރާތަކާ ހަވާލުވެ ތިބެނީ މާލޭ ސިޓީ ކައުންސިލް ދާއިރާ އާއި މާލޭ މުނިސިޕަލްޓީގެ ޒިންމާދާރު ވެރިޔާ އާއި އައްޑޫ ސިޓީ ކައުންސިލްގެ ދާއިރާގެ އައްޑު އަތޮޅު އޮފީހުގެ ޒިންމާދާރު ވެރިޔާ އާއި އަތޮޅު ކައުންސިލްގެ ދާއިރާތަކާއި އެ ދާއިރާތަކަށް ނިސްބަތްވާ އަތޮޅު އޮފީހުގެ ޒިންމާދާރު ވެރިޔާ އައި ރަށު ކައުންސިލުގެ ދާއިރާތަކާއި އެ ދާއިރާއަކަށް ނިސްބަތްވާ ރަށެއްގެ ރަށު އޮފީހުގެ ޒިންމާދާރު ވެރިޔާ އެވެ.