ގައުމީ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރުގެ ނާއިބު މުހަންމަދު މަލީހު ޖަމާލާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން މަގާމުން ވަކި ކުރި ކުރުމަކީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަކީ ނަފްރަތާއި ބަދަލު ހިފުމުގެ މައްޗަށް ހިންގާ ސަރުކާރެއް ކަން ދޭހަވެގެން ދިޔަ ކަމެއް ކަމަށް ޕީޕީއެމް ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް "ސަން"އަށް ވިދާޅުވީ މިއަދުގެ ސަރުކާރު ހަގީގަތުގައި ވުޖޫދަށް އައިސްފައި އޮތީ ސަރުކާރުގެ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާއި، އޭގެ ބަދަލުގައި މި ސަރުކާރު ވުޖޫދަށް އައިސްފައި އޮތީ ގާނޫނު އަސާސީ އަށް ދިމާވި ހާލަތެއްގެ ތެރެއިން ކަމަށެވެ.

"މި ސަރުކާރު ވުޖޫދަށް އައިސްފާ މި ވަނީ ވަރަށް ގިނަ ރައްޔިތުން ތަކެއްގެ ބުރަ މަސައްކަތުން. މި ސަރުކާރުު އުފެދިގެން އައިސް މިހާތަނަށް މި ސަރުކާރު ދެމި އޮތީ ރާއްޖޭގައި ހަރަކާތްތެރިވާ ވަރަށް ގިނަ ރައްޔިތުންނާއި. އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ސިޔާސީ އެކިއެކި ޖަމާއަތް ތަކުން މި ސަރުކާރު ހިފަހައްޓާ ދިނީ އަދި މި ސަރުކާރު ބިނާވެގެން މި ދެންވެވި ހުރިހާ ފަރުދުންނަށާއި، އަދި ޖަމާއަތް ތަކަށް ބިނާކޮށް ވަކި ބައެއްގެ މައްޗަށް އިންތިޚާބުވީ ސަރުކާރެއް ނޫން މި ސަރުކާރަކީ. މިފަދަ ސަރުކާރެއް ހިފެހެއްޓުމަށްޓަކައި ބުރަ މަސައްކަތް ތަކެއް މިދިޔަ ދުވަސް ތަކުގައި ކޮށް އަދި ރާއްޖޭގެ ރައްޔިތުންނަށްޓަކައި ބުރަ މަސައްކަތް ތަކެއްކޮށް އެ ބަޔަކަށް ގާނޫނޫ އަސާސީން ލިބިދީފައިވާ ސިޔާސީ ވިސްނުމާއި ފިކުރުގެ މައްޗަށް ބިނާކޮށް އެ ފިކުރު ބޭނުން ކުރީތީ މަގާމުން ދުރު ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ހަމަ ނަފްރަތާއި ބަދަލު ހިފުން ނޫން އެހެން އެއްވެސް ކަމެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މަލީހު އާއި އަމީން ވަކި ސިޔާސީ ޕާޓީ އަކަށް ސޮއިކުރެއްވީއެއް ނޫން ކަމަށާއި އެހެން ކަމުން ރައީސް ވަހީދު އާއި އެ ބޭފުޅުންގެ ފިކުރު އެއްގޮތް ނޫން ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ހިސާބުން ފެށިގެން މަގާމުން ވަކި ކުރެއްވީ ސީދާ ސިޔާސީ ގޮތުން ބިރު ދެއްކުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުންނަށް އެ މަގާމުތައް ލިބިވަޑައިގެންފައި ވަނީ އެ ބޭފުޅުންގެ ހުނަރުވެރި ކަމާއި ފަންނު ވެރި ކަމުގެ މައްޗަށް ބިނާ ކޮށްގެން ކަމަށާއި ގައުމީ ޕާޓީ އަކީ ވަކި ފަރުދެއްގެ ހައްގެއް ނޫން ކަމަށާއި، އަދި އެ ޕާޓީ ބިނާ ވެގެން ވަނީ ޕާޓީގެ ގުނަވަން ތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ ގޮތުގައި ސަރުކާރާއި އެކު ކުރިއަށްދާކަށް ގައުމީ ޕާޓީގެ އަގްލަބިއްޔަތެއް ނެތް ކަަމަށެވެ.

"ހަަމަ ކަނޑައެޅިގެން އެބަ އެނގޭ އެބޭފުޅުންގެ ފިކުރު ތިމަންނާނެންނާއި ދިމާ ނުވާކަން. އަނެއްކާ ވަކި ޕާޓީ އަކަށް އެ ބޭފުޅުން ސޮއި ކުރީކީ ވެސް ނޫން. އެ ބޭފުޅުންގެ ސިޔާސީ ފިކުރު ޑރ. ވަހީދުގެ ފިކުރާއި ދިމާ ނުވާ ވާހަކަ ދެއްކި ހިސާބުން ފެށިގެން މަގާމުން ވަކި ކުރަން ނިންމީ، އެއީ ކަނޑައެޅިގެން މި ގޮތަށް ތިމަންނާމެންނާ ދިމާ ނުވާ ކަމަށްވާ ނަމަ މަގާމުގައި ނުތިބެވޭނޭ. މިއޭ ކަލޭމެންނަށް ދޭން އޮތް އަދަބަކީ. މިއޭ ބަދަލަކީ. މިހެން ނޫންތޯ މި ވީ،" ޖަމީލް ވިދާޅުވިއެވެ.

އެ ދެ ބޭފުޅުން ސަރުކާރުގެ މަގާމުން ވަކި ކުރެއްވި އިރު އެ ދެ ބޭފުޅުން މިހާރު ނިންމާފައި ވަނީ ގައުމީ ޕާޓީ އިން ވަކިވެ ޕީޕީއެމްއާ ގުޅުމަށެވެ. އަދި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ގައުމީ ޕާޓީ އިން ރައީސުލް ޖުމްހޫރިއްޔާ އަށް ސިޓީ ފޮނުވާފައި ވަނީ ގައުމީ ޕާޓީ އިން ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހަދައިގެން މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ނިންމި ނިމުމަށް އެ ދެ ބޭފުޅުން ދެކޮޅު ހެއްދެވުމުގެ ސަބަބުންނެވެ.