19 Jun 2013, 16:30
ސިންގަޕޫރުގެ ސިފައިން އެމީހުންގެ ތަމްރީންތައް ހުއްޓާލައިފި އެވެ. މަންމައިން ވަނީ އެމީހުންގެ ކުދިން ގޭ ބަންދުގައި ހިފަހައްޓާފަ އެވެ. މަގުމަތިން މީހަކު ފެންނަ ނަމަ، ފެންނަނީ މާސްކު އަޅައިގެން، އަވަސް އަރުވާލާ މަންޒަރެވެ.
އަވަށްޓެރި އިންޑޮނޭޝިޔާގެ ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ސިންގަޕޫރު އެއްކޮށް ދުމުން ވަނީ ފޮރުވިފަ އެވެ.
އިންޑޮނޭޝިޔާގެ ސުމަޓްރާގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ސިންގަޕޫރުގެ ވައި އެއްކޮށް ތަޢައްޔަރުވެފައިވާ އިރު، މިކަމާ ގުޅިގެން 16 އަހަރުގެ ތެރޭގައި ސިންގަޕޫރުގެ ވައި ތަގައްޔަރު ނުވާ މިންވަރަށް މިއަދު ތަޢައްޔަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ސުމަޓްރާގައި ރޯވެފައިވާ އަލިފާންގަނޑުގެ ދުން، ވަޔާއެކު ކަނޑު ހުރަސްކޮށް ވަނީ ސިންގަޕޫރުގެ އުސް އިމާރާތްތަކުގެ މަތީގައި އަޅިކުލައިގެ ބޮޑެތި ވިލާތަކެއް ހެން އެތުރިލާފަ އެވެ.
ސިންގަޕޫރުގެ އޮފިޝަލުން ބުނީ މިދުމުގެ ސަބަބުން ސިއްހަތަށް ގެއްލުން ލިބޭ މިންވަރަކަށް ސިންގަޕޫރުގެ ވައިގެ ކޮލިޓީ ދަށަށް ގޮސްފައިވާ ކަމަށެވެ.
ވައިގެ ކޮލިޓީ ޓެސްޓްކުރަން ބޭނުންކުރާ ޕޮލިއުޓަންޓް ސްޓެންޑާޑްސް އިންޑެކްސް (ޕީއެސްއައި) ގައި ސިންގަޕޫރުގެ ވައިގެ ކޮލިޓީ މިއަދު ހެނދުނު ހުރީ 104 އަކާއި 123 އާ ދެމެދު އެވެ.
ޕީއެސްއައި 100 އިން މަތީގައި ވުމުގެ މާނައަކީ ސިއްހަތަށް ގެއްލުންވާ ނުވަތަ "އަންހެލްތީ" މިންވަރަކަށް ވައިގެ ކޮލިޓީ ދަށަށް ދިއުމެވެ.
ހޯމަ ދުވަހުގެ ރޭ އޮފިޝަލުން ބުނީ ސިންގަޕޫރުގެ ޕީއެސްއައި ހުރީ 155ގައި ކަމަށެވެ. މިއީ 1997 އަށް ފަހު ސިންގަޕޫރުގެ ޕީއެސްއައި މިންވަރު މިހާ ނުރައްކާތެރި މިންވަރަކަށް މައްޗަށް ދިޔަ ފުރަތަމަ ފަހަރު ކަން ތަފާސް ހިސާބުތަކުން އެނގެ އެވެ.
މިދުމުގެ ސަބަބުން، ދެކުނު އިރުމަތީ އޭޝިއާގެ ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ބަލާ، ސިންގަޕޫރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ގިނަ ސްކޫލުތަކަކުން ބޭރުގައި ކުދިންނަށް ހިންގާ ހަރަކާތްތައް ހުއްޓާލާފައިވާ އިރު، އެގައުމުގެ ޑިފެންސް މިނިސްޓްރީ އިން ބުނީ ބޭރުގައި ހިންގަމުން އައި ސިފައިންގެ ތަމްރީންތައް ވެސް މެދުކަނޑާލާފައިވާ ކަމަށެވެ.
އެގައުމުގެ ނެޝަނަލް އެންވާރަމަންޓް އެޖެންސީއިން ވަނީ ކުޑަކުދިންނާއި ދުވަސްވީ މީހުން އަދި ހާއްސަކޮށް ފުއްޕާމޭގެ މައްސަލަތައް ހުންނަ މީހުން ގިނައިރު ބޭރުގައި ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ.
ދުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސިންގަޕޫރުގެ ރައްޔިތުން ސަރުކާރަށް އިލްތިމާސް ކުރަމުންދާއިރު، ސަރުކާރުން ބުނެފައި ވަނީ މިނިވަން ގައުމެއްގައި ހިނގަމުންދާ ކަމެއް ސިންގަޕޫރު ސަރުކާރުން ހުއްޓުވާނެ ގޮތެއް ނެތް ކަމަށެވެ.
އަދި މިމައްސަލާގައި ސަރުކާރަށް ފާޑުކިޔުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ކޭ. ޝަންމުގަމް ވަނީ ވިދާޅުވެފަ އެވެ.
"ދުނިޔޭގެ ޗާޓު ބަލާބަލަ. ކޮންމެ ގައުމަކީ ވެސް މިނިވަން ގައުމެއް. އެހެން ގައުމެއްގައި ހިނގާ ކަމަކަށް ހުރަސް އެޅުމަކީ ސިންގަޕޫރަށް ކުރެވޭނެ ކަމެއް ނޫން. އަލިފާންގަނޑު ރޯވެފައި ވަނީ އިންޑޮނޭޝިޔާގައި. ސިންގަޕޫރުން އެކަމާ ކުރާނީ ކީއް؟" ޝަންމުގަމް ވިދާޅުވި އެވެ.
މިމައްސަލައަކީ އާއްމުކޮށް މިދުވަސްވަރު ބޮޑުވާ މައްސަލަ އެކެވެ. ސަބަބަކީ އިންޑޮނޭޝިޔާގައި ދަނޑުބިން ހެއްދުމަށް ޖަންގަލިތަކުގައި ރޯކުރާ އަލިފާންގަނޑުތައް ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން އުފެދޭ ދުން ވަޔާއެކު ސިންގަޕޫރަށް އަދި މެލޭޝިޔާއަށް ފެތުރިގެން ދިއުމެވެ.
މިފަހަރު މެލޭޝިޔާ އަށް ދުމުގެ އަސަރުކޮށްފައިނުވި ނަމަވެސް، މިމައްސަލައަކީ ސިންގަޕޫރާއި މެލޭޝިޔާ އަދި އިންޑޮނޭޝިޔާ ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދޭ ބޮޑު މައްސަލަ އެކެވެ.
ސިންގަޕޫރާއި މެލޭޝިޔާއިން ބުނަމުން ދަނީ ގާނޫނާއި ހިލާފަށް ޖަންގަލިތަކުގައި ރޯކުރުން ހުއްޓުވުމަށް އިންޑޮނޭޝިޔާގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށެވެ.