19 Jun 2013, 16:25
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މިއަދު މެންދުރު ފަހު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓަރު ކުރުމުގެ ފުރުސަތަށް އެދުން މި އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި އެކަމަށް އެދުމަށް ބޭނުންވާ ފޯމް މިއަދު ފެށިގެން އިލެކްޝަންސް ކޮމިޝަނުން ލިބެން ހުންނާނެ ކަމަށެވެ.
މޮނިޓަރުންގެ ގޮތުގައި ބެލެވޭނީ ހަބަރުފަތުވާ ވަސީލަތްތަކަށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ބެލެވޭނީ ކެންޑިޑޭޓުންގެ އޮބްޒާވަރުންނާއި މަދަނީ ޖަމާއަތްތަކާއި ބައިނަލްއަގުވާމީ ފަރާތްތަކެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ބޭރުގެ ބައެއް ފަރާތްތަކުން އިންތިހާބު އޮބްޒާވް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށާއި އެ ފަރާތްތަކަށް އެކަމުގެ މައުލޫމާތު އެކޮމިޝަނުން ދެމުންދާ ކަމަށެވެ.
އޭގެ އިތުރުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނެ ތަން ތަން މާދަމާ އިއުލާން ކުރާނެ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.
އާސިމް އިތުރަށް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ވަގުތީ ލިސްޓަށް 2279 ޝަކުވާ ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް ބެލުމަށް ފަހު އަންނަ ހަފްތާގައި އެ ލިސްޓަށް އަންނަ ބަދަލުތައް ގެޒެޓްކުރާނެ ކަމަށެވެ.
އޭގެ އިތުރުން އާސިމް ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްކަށް ވޯޓުލާން ބޭނުންވާ ތަނެއްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުން އެ އެއް ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ހަމަ ޖައްސާފައިވާ ކަމަށެވެ.