ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ޕީޕީއެމް އާ ދެމެދު އެއްވެސް ހިޔާލުތަފާތުވުމެއް ނޫޅޭ ކަމަށާއި ސްޕޯކްސްޕާސަންގެ މަގާމުން އޭނާ އިސްތިއުފާދެއްވީ އެ ޕާޓީގެ ރިޔާސީ ކެމްޕެއިނަށް އިތުރަށް ވަގުތު ދެއްވުމަށް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުތަކަށް ޖަވާބުދެއްވަމުން އެ ޕާޓީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީގެ ކެމްޕެއިންތައް މާދަމައިން ފެށިގެން ވަރަށް ވަރުގަދަކޮށް ފަށާނެ ކަމަށާއި މަހުްލޫފް އަކީ އެކަމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއް ކަމަށެވެ.

"މާދަމާ އިން ފެށިގެން އަޅުގަނޑުމެންގެ ކެމްޕެއިން ވަރަށް ރަނގަޅަށް ރޭވިގެން އެބަފެއްޓޭ، މަހުލޫފަކީ އަޅުގަނޑުމެންގެ މާލޭގެ ކެމްޕެއިންގައި އެންމެ އިސްކޮށް މިހާރު ހަވާލުވެވަޑައިގެން ހުންނަވާ ފަރާތް. އަދި އެއާއެކީގައި އަތޮޅުތެރެއަށް ދަތުރުކުރައްވާ އިރު ވެސް ވަރަށް ގިނަ ދަތުރުތަކުގައި އުޅުއްވަން އެބަޖެހޭ. މާދަމައިން ފެށިގެން އަޅުގަނޑުމެންގެ ދަތުރުތައް މެދުކެނޑުމެންނެތި ކުރިއަށްގެންދާނެ. އެކަހަލަ ވަގުތެއްގައި ހުރިހާ ޒިންމާއެއް އެއްބޭފުޅެއް ނެންގެވުން އެއީ އެންމެ ރަނގަލު ގޮތްކަމަށް މަހުލޫފް ދެކެވަޑައެއްނުގަންނަވާ. އެހެންވީމާ ކެމްޕެއިނަށް ބޮޑަށް ވަގުތުދެއްވާފަ މާލޭގައި ގާއިމްވެ ހުންނަވާ ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ޓަކައި މަހުލޫފް މަގާމުން އިސްތުފާ ދެއްވާފައި ވަނީ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައްޔިތުން މަޖިލީހުގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދިއުމަށް ފައިސާގެ ބޮޑެތި އަދަދުތަކެއް ހުށައަޅާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އެކަމަކީ އަބަދު ވެސް ހިނގަމުންދާ ކަމެއް ކަމަށާއި ނަމަވެސް އެ ޕާޓީގެ މަޖިލިސް މެމްބަރުން އެހެން ޕާޓީއަކާ ގުޅިވަޑައިގެންނަވާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕިއެމްގެ ކައުންސިލް މެންބަރު ދުންޔާ މައުމޫން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ ނާއިބު މުހަންމަދު މަލީހު ޖަމާލާއި އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ނިންމުމުން ސަރުކާރުގެ ވަޒީފާ އިން ވަކިކުރުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ރައީސް ޑރ. ވަހީދަކީ ތަފާތު ހިޔާލުގެ މީހުން ގޮވައިގެން އުޅެން އެނގޭ ބޭފުޅެއް ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން މިކަމުން މިސާލު ފެންނަކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ޕީޕީއެމްއާ ދޭތެރޭ ކަންބޮޑުވާން ޖެހޭ ގޮތަކަށް ކަންތައްތައް ކުރަމުންދާ ކަމަށް ޕީޕީއެމް އިން ބުނާއިރު ސަރުކާރު ހިންގާ ކޯލިޝަންގައި އޮތުމަށް ޕީޕީއެމްގެ ސްޓޭންޑަށް ބަދަލެއް ގެންނާނެތޯ "ސަން" އިން ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި ނަމަވެސް އެ ޕާޓީގެ ކައުންސިލުން އަދި މިހާތަނަށް ގޮތެއް ނުނިންމާ ކަމަށެވެ.

އެސުވާލަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވީ މިހާރު ޕީޕީއެމް އޮތީ ސަރުކާރު ހިންގާ ކޯލިޝަންގައި ކަމަށާއި ނަމަވެސް ރައްޔިތުނަށް ހިދުމަތްކުރެވޭނީ އެހެން ގޮތަކުން ކަމަށް އެ ޕާޓީ އަށް ވިސްނިއްޖެ ނަމަ އެނިންމުން ނިންމަން ފަސްނުޖެހޭނެ ކަމަށެވެ.