ރައްޔިތުންނަށް ފުރިހަމަ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދާ ބްރެޒިލްގެ ރައްޔިތުން މައިތިރި ކުރުމަށް އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ ފޯސް (އެފްއެންއެސްޕީ) ނެރެފި އެވެ.

ބްރެޒިލްގެ ސަރުކާރުން ބުނެފައި ވަނީ މުޒާހަރާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 500،000 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެފައިވާ އިރު، އެ މުޒާހަރާތައް އެންމެ ގަދައަށް ކުރިއަށް ގެންދާ ފަސް ސިޓީ ކަމަށްވާ ރިއޯ ޑި ޖެނެއިރޯއާއި، މިނަސް ގެރައިސްއާއި، ބަހާއީ، ސެއަރާ އަދި ވެރިރަށް ބްރަސީލިއާގައި ސަލާމަތީ ބާރުތައް އަތުރައި ލެވޭނޭ ކަމަށެވެ.

މިހާރު ބްރެޒިލްގައި ކުރިއަށް ގެންދާ ފީފާ ކޮންފެޑެރޭޝަންސް ކަޕާ ދިމާކޮށް، ދަތުރުފަތުރުގެ ހިދުމަތާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށްދިނުމަށް އެދި ބްރެޒިލްގައި ފެށި މުޒާހަރާތައް މައިތިރި ކުރުމަށް، ސަލާމަތީ ބާރުތައް ނެރެން ސަރުކާރުން ނިންމީ، އިއްޔެ ބްރެޒިލްގެ އެންމެ ބޮޑު ރަށް ކަމަށްވާ ސައޮޕޯލޯގައި ފުލުންންނާއި މުޒާހަރާ ކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގުމާއި ގުޅިގެންނެވެ.

ބްރެޒިލްގެ މިނިސްޓްރީ އޮފް ޖަސްޓިސްއާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، ފީފާ ކޮންފެޑެރޭޝަންސް ކަޕް ކުރިއަށް ގެންދާ ބްރެޒިލްގެ ސިޓީ ތަކުގެ ތެރެއިން ނޭޝަނަލް ސެކިއުރިޓީ ފޯސްގެ އެހީތެރިކަމަށް އެދިފައި ނުވަނީ، ހަމަ އެކަނި ރެސިފޭ އިން ކަމަށެވެ. އަދި އެފްއެންއެސްޕީ އެ ތަންތަނުން އަނބުރައި ފައިބާނެ ތާރީހެއް ކަނޑައަޅާނީ ލޯކަލް ގަވަމަންޓް ތަކުން ކަމަށެވެ.

ބްރެޒިލްގެ ރައީސް ދިލްމާ ރޫސެފް ވިދާޅުވީ، އެގައުމުގެ ހައްގުގައި ގިނަބަޔަކު އެގޮތަށް އަޑު އުފުލަމުން ގެންދާތީ އެކަމަނާ އެކަމާ "ފަހުރުވެރިވެ ވަޑައިގަންނަވާ" ކަމަށެވެ.

ބްރެޒިލްގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކަކީ، އެގައުމުގައި 1992 ވަނަ އަހަރަށްފަހު ކުރިއަށް ގެންދާ އެންމެ ބޮޑު މުޒާހަރާ އެވެ.