އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނެތް ކަމަށް ތަހުގީގުން ސާބިތުވާ ކަމަށް ނިންމާފައި ވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދައްކާ ވާހަތަކަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދޮގުކޮށްފި އެވެ.

އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖީއެމްއާރަށް އެއާޕޯޓު ހަވާލުކުރި މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު އާންމުކުރި ރިޕޯޓާ ގުޅޭ ގޮތުން ސިޔާސީ ބައެއް ފަރާތްތަކުން ކަމުގެ ހަގީގަތް އޮޅޭގޮތަށް ކަނޑައެޅިގެން ދޮގުމައުލޫމަތު ފަތުރަމުން ގެންދާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ޖީއެމްއާރާ އެއާޕޯޓު ހަވާލުކުރި މައްސަލަ ތަހުގީގު ކޮށްފައި ވަނީ ޕޯޑިއަމްތަކާއި މީޑިއާތަކުގައި ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބަލައިގެން ނޫން ކަމަށާއި އެ މައްސަލަ ތަހުގީގުކޮށްފައި ވަނީ ތަހުގީގަށް ލިބުނު މައުލޫމާތާއި ލިޔުންތަކާއި މައްސަލައާ ގުޅުން ހުރި ފަރާތްތަކާ ސުވާލުކޮށްގެން ލިބުނު މައުލޫމާތު ތަކުގެ މައްޗަށް ބަލައިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަނީ އެ މައްސަލަ އަކީ ކޮރަޕްޝަން އެކުލެވޭ ކުށެއްގައިވާ ނަމަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން ޖީއެމްއާރަށް އެއާޕޯޓު ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ނަމަވެސް އެއާޕޯޓުން ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމަންޓު ޗާޖްގެ ގޮތުގައި 25 ޑޮލަރާއި އިންޝުއަރެންސް ސާ ޖާޖުގެ ގޮތުގައި ދެ ޑޮލަރު ނެގުމަށް ނިންމި މައްސަލަ ތަހުގީގު ކުރިއިރު އެކަމުގައި ކޮރަޕްޝަންގެ ކުށެއްވާ ކަމަށް ތަހުގީގަށް ސާބިތުވާތީ އެ މައްސަލައިގައި ދެ ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.