މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ދަށު ކޯޓުތަކުން ކުރާ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފި ނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ދޭންޖެހޭނީ ދަންޖައްސައިގެން ކަމަށް ކަނޑައަޅައި، މަޖިލީހަށް ހުށަހެޅި ބިލަށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ފާޑުކިޔައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނެވެ. އެ މެންބަރުން ވިދާޅުވަމުން ގެންދެވީ ކީރިތި ގުރުއާނުގައި ބަޔާންކޮށްފައިވާ ގޮތަށް ހައްގަކާއި ނުލައި މީހަކު މަރައިފި މީހެއްގެ މައްޗަށް މަރުގެ އަދަބުދޭނެ އުސޫލުތަކާއި ހަމަތައް ދީނުގައި ބަޔާންކޮށްފައި ވަނިކޮށް، ގާނޫނުގެ ދަށުން މަރުގެ އަދަބުދޭނެ އުސޫލެއް ކަނޑަނޭޅޭނެ ކަމަށެވެ.

ބިލުގެ ބަހުސްގެ މަރުހަލާގައި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގު "މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލު" މަޖިލީހަށް ހުށަހެޅުއްވީ "ކަންދެއްކުމަށް" ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭނީ އިސްލާމް ދީނުގައިވާ ގޮތުގެ މަތިން ތަންފީޒީ މަރުހަލާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ މަރުގެ އަދަބު ދިނުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިގެން އުޅެނީ މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުންވެގެން ނޫން ކަމަށާއި ގިސާސްހިފުމަށް ބަހަނާއެއް ދެއްކުމަށް ކަމަށެވެ. "މަރަންވީ ވަޅިޔަކުންތޯ. މަރަންވީ ވާގަނޑަކުންތޯ. މިސުވާލު އުފައްދައި މި ސުވާލު ދޭތެރޭގައި ބަހަނާ ދައްކައިގެން އަޅުގަނޑުމެނަށް މިއަދަކު ތިބެވޭކަށް ނެތް. އަޅުގަނޑުމެން އިތުރަށް ގާނޫނެއް ހަދަން ޖެހޭ މައްސަލައެއް ނޫން. އަޅުގަނޑުމެންނަށް އިލާހީ ގާނޫނުގައި މިވާހަކަ އެބައޮތް،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ދީނުގައިވާ ހުކުމްތައް ތަންފީޒު ކުރުމަށް ހަރުދަނާ ގާނޫނުތަކެއް ބޭނުންވާ ކަމަށާއި ނަމަވެސް ޝަރީއަތުގެ ނިޒާމާ މެދު "ޝުބުހައެއް" އުފެދިފައިވަނިކޮށް "މީހަކު މަރުވާން ވޯޓެއް ނުދެއްވާނެ" ކަމަށެވެ. އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއާ މެދު ޝައްކަތް ނެތް ވިންވަރަށް ޔަގީންކަން އުފެދުނު ދުވަހަކުން އެފަދަ ގާނޫނުތަށް ވޫޖޫދު ކުރުމަށް ވޯޓު ދެއްވާނެ ކަމަށް ކާނަލް ނަޝީދު ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުގެ ވޯޓެއް ލައިގެން ދިވެހިރާއްޖޭގެ ރައްޔިތަކު މަރަން ހުއްދަދޭން އަޅުގަނޑު ވޯޓު ލުމުގެ ކުރީގައި އަޅުގަނޑު ވިސްނަން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި... މާތްވެގެންވާ އިސްލާމް ދީނުގައި ހުކުމްފުޅުތައް ކަނޑައަޅާފައި ވަނީ ސަބަބުތަކަށްޓަކައި ވަކިކަންތައްތަކެއް ހިމާޔަތް ކުރުމަށްޓަކައި. މުދަލާއި ފުރާނަޔާއި ދީނާއި ދަރިފަސްކޮޅާއި އަބުރާ މިދެންނެވި ކަންކަން ހިމާޔަތް ކުރުމަށްޓަކައި. އެކަންތައްތައް ހިމާޔަތް ނުވާނޭ ގޮތަކަށް އަޅުގަނޑުމެންގެ ތެރޭގައި ހެދޭ ގާނޫނަކަށް އަޅުގަނޑު ލާ ވޯޓެއްގެ ސަބަބުން މީހެއް މަރުވެގެންދާކަށް އަޅުގަނޑު ބޭނުމެއް ނޫން،" ކާނަލް ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ މަރުގެ އަދަބު ދިނުމަށް ގާނޫނު ހެދުމަށް ސިޔާސީ ފަރާތްތަކާ ހަވާލު ކުރުމުގެ ބަދަލުގައި މަރުގެ އަދަަބުދޭނެ ގޮތެއް ސުޕްރީމް ކޯޓުން ކަނޑައަޅަން ޖެހޭ ކަމަށެވެ. މަރުގެ އަދަބު ދިނުމާމެދު ގޮތެއް ނިންމައިދިނުމަށް ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އަލީ ވަހީދު ގޮވާލެއްވި އެވެ.

ރިޔާޒު ރަޝީދު ހުށަހެޅުއްވި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލުގައި ބުނެފައިވާ ގޮތުން މަރުގެ ހުކުމެއްގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓައިފި 45 ދުވަހު ތެރޭގައި އެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަންޖެހެ އެވެ. ދަންޖައްސާ މީހާ އަށް ހައްގުތަކެއް ލިބިގެންވާ ކަމަށް ބިލުގައި ބުނެ އެވެ. އެއީ އެ މީހަކު ދަންޖެއްސުމުގެ ކުރިން އެ މީހެއްގެ އާއިލާ އާއި ބައްދަލުކޮށް ބުނަން ބޭނުންވާ އެއްޗެއް ބުނުމާއި ކުރަން ބޭނުންވާ ވަސިއްޔަތެއް ކުރުމުގެ ފުރުސަތު އެ މީހަކަށް ދެވޭނެ ކަމަށް ބިލުގައިވެ އެވެ.

މީހަކު ދަންޖައްސައި، މަރަން ވާނީ ވަކި ބައެއްގެ ހާޒިރުގައި ކަމަށް ބިލުގައި ބުނެ އެވެ. އެއީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެޕިލިޓޭޝަން ސާވިސް (ޑީޕީއާރްއެސް)އިން ކަނޑައަޅާ ޑޮކްޓަރަކާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރެއްގެ އިތުރުން ދަންޖައްސާ މީހާގެ ވާރިސެކެވެ. ދަންޖައްސާ އިރު ވާސިރު އެތަނަށް ހާޒިރުވުމަކީ އިހްތިޔާރީ ކަމެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.