"ފިއުޗާ ޓީވީ"ގެ ނަމުގައި ހިންގަމުން ގެންދިޔަ ޓީވީ ޗެނަލްގެ ނަން "ޗެނަލް 13"ގެ ނަމަށް ބަދަލުކޮށްފި އެވެ.

ލަވަ އާއި މުނިފޫހި ފިލުމުގެ އެކިއެކި ޕްރޮގްރާމްތައް ގެނެސްދިނުމަށް ހާއްސަކޮށްފައިވާ "ފިއުޗާ ޓީވީގެ ނަން "ޗެނަލް13"ގެ ނަމަށް ބަދަލުކޮށްފައިވާ އިރު ފިއުޗާ ޓީވީ ގެނެސްދެމުން ގެންދިޔަ ފްރީކުއެންސީ 108 އިން "ޗެނަލް 13"ގެ ޓެސްޓް ސިގްނަލްތައް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ދޫކުރަން ފަށައިފަ އެވެ. އެނގިފައިވާ ގޮތުގައި މިހާރު "ޗެނަލް 13" ހިންގަމުން ގެންދިޔަ ކުންފުނިން ވަނީ ފިއުޗާޓީވީ ގަނެފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ "ފިއުޗާޓީޗީ" ހިންގުމަށް މީޑިއާ ރިންގަށް ދޫކޮށްފައިވާ ލައިންސަންސަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ ޓީވީ ޗެނަލް ހިންގަމުން ގެންދާ ކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި މިހާރު ތިބި ފަރާތްތަކަކީ ތ. ބުރުނީ، ނިވައިދޮށުގެ، މޫސާ ޒަމީރު އަދި ސ. މީދޫ ކެނެރީވިލާ، މުހައްމަދު ޖުނައިދު ކަމަށެވެ.

ޗެނަލް 13 އަކީ ޕީޕީއެމުން ރިޔާސީ އިންތިހާބާ ދިމާކޮށް ލޯންޗްކުރާނެ ކަމަށް ބުނެފައިވާ އެ ޕާޓީގެ ޓީވީ ޗެނަލެއް ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ނަމަވެސް ޗެނަލް 13ގެ ޓުއިޓާ އެކައުންޓްގައި ބުނެފައި ވަނީ އެ ޗެނަލްއަކީ އާއްމުން ހީކުރާ ފަދަ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ޗެނަލެއް ނޫން ކަމަށާއި އެ ޗެނަލް މެދުވެރިިކޮށް އާއްމުންނަށް ހަބަރާއި މައުލޫމާތު ހަގީގަތާ އެއްގޮތަށް ގެނެސްދޭނެ ކަމަށެވެ.