މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްއަށް މިދިޔަ އަހަރު ފައިސާ ދެއްކި 126 މީހުންގެ ތެރެއިން 32 މީހަކު ހައްޖަށް ގެންދިއުމަށް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ގުރުއަތު ނެގުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރު މަލީޝާ ހައްޖު ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 32 މީހަކު ހައްޖަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާއިރު ގުރުއަތުން އެފަރާތްތައް ހޮވުން އޮންނާނީ 27 އެޕްރީލް 2013 ގެ ހެނދުނު 10 ޖަހާއިރު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

މީގެ އިތުރުން އެ ބައްދަލުވުމަށް ހާޒިރުވާއިރު އައިޑީކާޑު ގެނައުމަށާއި އެ މީހާގެ ބަދަލުގައި މީހަކު ހާޒިރުވާނަމަ ހައްޖަށް ދާން ފައިސާ ދެއްކި މީހާގެ ލިޔުމާއި ފައިސާ ދެއްކި މީހާގެ އައިޑީކާޑުގެ ކޮޕީއަކާއި ބަދަލުގައި އަންނަ މީހާގެ އައިޑީކާޑު ގެންނައުމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.

އެ ގުރުއަތުގައި މަލީޝާ ހައްޖު ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ހައްޖަށް ނުދެވި ހާލުގައި ޖެހުނު މީހުންގެ ތެރެއިން ފަރުޟު ހައްޖެއް ނުކުރާ ފަރާތްތަކުން ބައިވެރިވުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

ގުރުއަތުން ނެގޭ 32 މީހުންގެ ތެރެއިން 10 މީހަކު ހައްޖަށް ފޮނުވުމަށް ފައިސާ ދީފައިވަނީ މީހުން ހައްޖަށް ގެންގޮސްދޭ ރާއްޖެއިން ބޭރުގެ މީހެއް ކަމަށާއި އޭގެތެރެއިން 24 މީހަކު ހައްޖަށް ގެންދަނީ ސަރުކާރުގެ ހަރަދުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވި އެވެ.