19 Jun 2013, 13:30
މާލޭ ސިޓީ ކައުންސިލްގެ ގޯތި ތެރެއަށް ބަޔަކު ވަދެ އެ ތަނުގެ ތެރެއަށް ކުނި ލޮރީއެއް އަޅައިލައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ރުކުމާ އަހްމަދު "ސަން" އަށް މިއަދު ވިދާޅުވީ އެކަން ކުރި ބަޔަކު އަދި ނޭނގޭ ކަމަށާއި ނަމަވެސް އެމީހުން ހޯދުމުގެ މަސައްކަތް މިހާރު އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ތަނުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުން ދިޔަތަން ފެނިފައިވެ އެވެ.
ސިޓީ ކައުންސިލްގެ ގޯތިތެރެއަށް ބަޔަކު ކުނި ލޮރީ ބަންޑުން ޖަހާލާފައި ވަނީ މިއަދު ލަންޗު ބްރޭކަށް އޮފީހުގައި މީހުން މަދުވި ވަގުތު އެވެ.
ސިޓީ ކައުންސިލް ގޯތި ތެރެއަށް ކުނި ލޮރީ ބަންޑުން ޖަހާލާފައި ވަނީ މާލޭގެ ކުނި މެނޭޖު ނުކުރެވި، އަދި މާލެ އަށް ވަސްފެތުރި، ގިނަ ބައެއްގެ ޝަކުވާ ސިޓީ ކައުންސިލަށް އަމާޒުވެފައިވާ ދަނޑިވަޅައެއްގަ އެވެ.
ރުކުމާ ވިދާޅުވީ މިހާރު ވެސް ސަރުކާރުން ބޭނުންވާ ސްޓޭންޑަޑަށް ކުނި ނައްތާ ލުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި މިހާރު ވެސް ސަރުކާރުން ދޭ ބަޖެޓާ އެއްވަރަށް މާލެ އިން ކުނި ނައްތާލުމުގެ މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.