އެޓާނީ ޖެނަރަލް އައިޝަތު ބިސާމާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރަށް މަޖިލީހުން ރުހުން ނުދިނުމަށް ނިންމައި، ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީގައި އާޒިމާއާއި ބިސާމްއަށް ރުހުން ނުދިނުމަށް ފާސްކުރީ ކޮމެޓީއަށް ހާޒިރުވި ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އާޒިމާ އާއި ބިޝާމްއަށް ރުހުން ނުދޭން ވޯޓު ދިނީ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް އާއި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު އަބްދުލްޢަފޫރު މުސާގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓުދީފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފުގެ އިތުރުން ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމެވެ.

އަދި އަމީންއަށް ރުހުން ދޭން ފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވިއިރު، އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވި އެވެ. އަމީނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފުގެ އިތުރުން ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމްގެ އިތުރުން ވިލިމާފަންނު ދާއިރާގެ މެންބަރު މުހައްމަދު ނިހާނު ހަސަން މަނިކެވެ. އަދި ރުހުން ދިނުމަށް ނުފެން ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް އާއި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު އަބްދުލްޢަފޫރު މުސާގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވޯޓުދެއްވިއިރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.

ދެ ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ދިނުމާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނީ، މަޖިލީހުގެ ތަޅުމަށް ކޮމެޓީގެ ރިޕޯޓް ހުށަހަޅައި ވޯޓަށް އަހައިގެންނެވެ.