19 Jun 2013, 12:49
ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީން 2000 އަށް ވުރެ ގިނަ މެންބަރުން ވަކިވެފައިވާކަން އިލެކްޝްންސް ކޮމިޝަންގެ ހިސާބުތަކުން ދައްކައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 45666 މެންބަރުންނެވެ. ނަމަވެސް އެ މަހުގެ 12 ވަނަ ދުވަހު އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު އެ ޕާޓީން 2245 މެންބަރުން ވަނީ ވަކިވެފަ އެވެ.
މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އާންމުކުރި ހިސާބުތަކަށް ބަލާއިރު ޑީއާރްޕީގެ މެންބަރުންގެ އަދަދަކީ 21411 އެވެ. ނަމަވެސް އެ މަހުގެ 12 ވަނަ ދުވަހު އާންމު ކުރި އެންމެ ފަހުގެ ހިސާބުތަކަށް ބަލާ އިރު 571 މެންބަރުން އެ ޕާޓީން ވަނީ ވަކިވެފަ އެވެ.
ޕީޕީއެމްގެ މެންބަރުންގެ ހިސާބުތަކަށް ބަލާ އިރު މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 22383 މެންބަރުންނެވެ. އަދި އެންމެ ފަހުން އެ މަހުގެ 12 ވަނަ ދުވަހު އާންމު ކުރި ހިސާބުތަކަށް ބަލާއިރު 277 މެންބަރުން ވަނީ ޕީޕީއެމްއާ އަލަށް ގުޅިފަ އެވެ.
އަދާލަތު ޕާޓީގެ މެންބާޝިޕަށް އައި ބަދަލުތަކަށް ބަލާ އިރު މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 10562 މެންބަރުންނެވެ. އަދި އޭގެފަހުން އެ މަހުގެ 12 ވަނަ ދުވަހު އާންމު ކުރި އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު 208 މެންބަރުން އެޕާޓީއާ ވަނީ އަލަށް ގުޅިފަ އެވެ.
އިލެކްޝަންސްގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން ގައުމީ ޕާޓީއާއި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދު ވެސް ވަނީ ކުރިއަށް ވުރެ މަދުވެފަ އެވެ.
މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އާންމު ކުރި ހިސާބުތަކަށް ބަލާ އިރު ގައުމީ ޕާޓީގެ މެންބަރުންގެ އަދަދަކީ 1967 މެންބަރުން ނެވެ. ނަމަވެސް އެ މަހުގެ 12 ވަނަ ދުވަހު އާންމު ކުރި އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން އެ ޕާޓީން ވަނީ 98 މެންބަރުން ވަކިވެފަ އެވެ.
މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އާންމު ކުރި ހިސާބުތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދު 12154 މެންބަރުންގެ ގޮތުގައި އޮތްނަމަވެސް އެ މަހުގެ 12 ވަނަ ދުވަހު އާންމު ކުރި އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު އެ ޕާޓީން 325 މެންބަރުން ވަނީ މަދުވެފަ އެވެ.
ގައުމީ އިއްތިހާދު ޕާޓީއާއި އެމްޑީއޭގެ މެންބަރުންގެ އަދަދަދު ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް އިލެކްޝަންސްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް އެ ދެ ޕާޓީގައި 10،000 މެންބަރުން ހަމަނުވާކަމަށް އިލެކްޝަންސްގެ ހިސާބުތަކުން އެގެ އެވެ.
މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އާންމު ކުރި ހިސާބުތަކަށް ބަލާއިރު ގައުމީ އިއްތިހާދު ޕާޓީގެ މެންބަރުންގެ އަދަދަކީ 3930 މެންބަރުންނެވެ. އަދި އޭގެ ފަހުން އެ މަހުގެ 12 ވަނަ ދުވަހު އާންމު ކުރި ހިސާބުތަކަށް ބަލާއިރު އެޕާޓީއާ 2156 މެންބަރުން އަލަށް ގުޅިފައިވާކަން އެނގެ އެވެ.
މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު އާންމުކުރި ހިސާބުތަކަށް ބަލާއިރު އެމްޑީއޭގެ މެންބަރުންގެ އަދަދަކީ 3349 މެންބަރުންނެވެ. ނަމަވެސް އެ މަހުގެ 12 ވަނަ ދުވަހު އާންމު ކުރި އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު އެ ޕާޓީއާ އިތުރު 4555 މެންބަރުން ގުޅިފައިވާކަން އެނގެ އެވެ.