19 Jun 2013, 12:38
ދެހާސް އެގާރަ ވަނަ އަހަރު ކުރިމަތިވި ބިންހެލުމަށް ފަހު ނިއުކްލިއާ ކާރިސާއެއް ހިނގި ޖަޕާނުގެ ފުކުޝިމާ ޑައިޗީ ނިއުކްލިއާ ޕުލާންޓްގެ ބިމުން ނެގި ފެނުގައި ވިހަ ރޭޑިއޯއެކްޓިވް އައިސޮޓޯޕްތަކެއް ނުރައްކާތެރި މިންވަރަކަށް އެބަހުރި ކަމަށް ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ (ޓެޕްކޯ) އިން ބުނެފި އެވެ.
ޓެޕްކޯއިން ބުނީ އެކުންފުނިން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ފުކުޝިމާ ޕުލާންޓުގެ ދަށުގައިވާ ބިމުން ނެގި ފެނުގައި ރޭޑިއޯއެކްޓިވް މާއްދާއެއް ކަމަށްވާ ސްޓްރޮންޓިއަމް-90 ހުރިކަން ދެނެގައިނެވިފައިވާ ކަމަށެވެ.
އަދި ފެނުގައި މިމާއްދާ ހުރީ ރައްކާތެރި މިންވަރަށް ވުރެ 30 އިންސައްތަ މަތީގައި ކަމަށްވެސް ޓެޕްކޯއިން ބުނެ އެވެ.
މީގެ އިތުރުން ރޭޑިއޯއެކްޓިވް މާއްދާއެއް ކަމަށްވާ ޓްރިޓިއަމް ވެސް ނުރައްކާތެރި މިންވަރަކަށް ފެނުގައި ހުރި ކަމަށް ޓެޕްކޯއިން ބުނެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ނުރައްކާތެރި ބިންހެލުމާއި ސުނާމީގައި ބޮޑު ގެއްލުމެއް ލިބި، ނިއުކްލިއާ ކާރިސާއެއް ހިނގި ފުކުޝިމާ ނިއުކްލިއާ ރިއެކްޓަރަށް ފަހަކަށް އައިސް ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މިގޮތުން ރިއެކްޓަރުން ކަރަންޓް ކެނޑުމުގެ މައްސަލަތަކަކާއި ފެން ލީކުވުމުގެ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް ޓެޕްކޯއިން ބުނެ އެވެ.
ސުނާމީގައި ލިބުނު ގެއްލުމުގައި ޕުކުޝިމާ ޕުލާންޓުގެ ކޫލިންގް ސިސްޓަމް ހަލާކުވުމުގެ ސަބަބުން ރިއެކްޓަރުތައް ވަނީ އަނދާފަ އެވެ.
މިކަން ހައްލުކުރުމަށްޓަކައި ޓެޕްކޯ އިން ދަނީ ރިއެކްޓަރުގެ ތެރެއަށް ފެން ފޮނުވަމުން ނެވެ.
ނަމަވެސް މިހާރު ދިމާވެފައިވާ މައްސަލައަކީ ރިއެކްޓަރުން ކޮންމެ ދުވަހަކު ބޭރުކުރާ ވިހަ ފެންތައް ނައްތާލާނެ ގޮތެއް ނުވަތަ ރައްކާކުރާނެ ގޮތެއް ނެތުމުގެ މައްސަލަ އެވެ.
ފެނުން ފެނިފައިވާ ވިހަ އައިސޮޓޯޕް ސްޓްރޮންޓިއަމް-90 އަކީ ނިއުކްލިއާ ފިޝަންގެ ބައި ޕްރޮޑަކްޓެކެވެ.
ޓެޕްކޯއިން ބުނީ ވިހަ މާއްދާތައް ބިމުން ނެގި ފެނުގައި ހުރި ނަމަވެސް، ކަނޑުން ނެގި ފެނުގައި އެމާއްދާތަކުގެ އަސަރެއް އަދި ފެނިފައިނުވާ ކަމަށެވެ. ޓެޕްކޯގެ އޮފިޝަލަކު ބުނީ ރިއެކްޓާގެ ފައުންޑޭޝަންގައިވާ ކޮންކުރީޓްގެ ސަބަބުން ވިހަ ފެންތައް ބިމުގެ ތެރެއިން ކަނޑަށް ލީކުނުވެ ހިފެހެއްޓިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.