19 Jun 2013, 12:16
ކޮމިޝަނާ އޮޕް ޕޮލިސް އަބްދުﷲ ރިޔާޒްގެ އިސްނެންގެވުމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ޕޮލިސް ކުލަބް ގުޅިގެން ޒުވާނުންނަށް އަމާޒްކޮށްގެން މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕޮލިސް ޔޫތު ޗެލެންޖް ކަޕްގެ ގުރު ނަގައިފި އެވެ.
ރޭ އިސްކަންދަރު ކޮށީގައި އޮތް ގުރު ނެގުމުގައި ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ ކްރައިމް ޕްރިވެންޝަން ޔުނިޓްގެ ހެޑް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި ޕޮލިސް ކުލަބްގެ ޖެނެރަލް ސެކްރެޓަރީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ ހުސައިން އަފްރާޙް އާއި ޕޮލިސް ކުލަބްގެ ހިންގާ ކޮމިޓީގެ ބައެއް މެންބަރުންގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ އޮފިޝަލުން ބައިވެރިވެފައި ވެއެވެ.
އަންނަ ހޮނިހިރު ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ އެ ފުޓްސަލް މުބާރާތަކީ ކުށް މަދު އަމާން ވެއްޓެއްގައި އުޅުމުގެ ފުރުސަތު ޒުވާނުންނަށް ތަނަވަސްކޮށްދީ، ޒުވާނުން ހޭދަކުރާ ހުސްވަގުތުތައް ހެޔޮގޮތުގައި ހޭދަކުރުމަށާއި ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ ކުޅިވަރުގައި ކުރިއަށް ދިޔުމަށް ފުރުސަތު ހޯދައިދިނުމުގައި މަގުސަދުގައި މިއަހަރު މުޅިން އަލަށް ފަށާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި ޖޫން މަހުގެ 13 ވަނަ ދުވަހު ހަމަވެފައިވާއިރު ޖުމްލަ 19 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.
ޓްރެފިކް ޕޮލިސް ކުރިމަތިން އޮންނަ ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތް ކުރިޔަށް ގެންދާނީ ބަހާލާފައިވާ ގުރޫޕްތަކުން މެޗުތައް ކުޅެ ފައިނަލަށް ދެޓީމު ދަތުރު ކުރުމުގެ ފުރުސަތު އޮންނަ ގޮތަށެވެ. އެގޮތުން ބައިވެރިވާ ޓީމްތައް ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ދާ އެ މުބާރާތުގައި ކޮންމެ ރެއަކު ހަތަރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.