19 Jun 2013, 12:06
ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި މިރޭ އިޓަލީ ޓީމާ ދެކޮޅަށް ނުކުންނާނީ ފައިނަލް މެޗެއް ކަމަށް ދެކިގެން ކަމަށް ޖަޕާންގެ އިޓަލީ ކޯޗު، އަލްބާޓޯ ޒަކަރޯނީ ބުނެފި އެވެ.
އޭސީ މިލާނަށް 1999 ވަނަ އަހަރު އިޓާލިއަން ލީގު ހޯދައިދިން ޒަރަކޯނީ ބުނީ، މިރޭ އޭނާގެ އަމިއްލަ ގައުމާ ދެކޮޅަށް ޖަޕާން ޓީމު ގޮވައިގެން ނުކުންނަ މެޗަކީ ފައިނަލް މެޗެއް ކަމަށާއި އެ މެޗަށް ނުކުންނާނީ މެޗުން ބަލިވެއްޖެ ނަމަ، މުބާރާތަށް އަލްވަދާއު ކިޔަން ޖެހޭނޭކަން ދެނެތިބެގެން ކަމަށެވެ.
ޖަޕާންގެ ކޯޗު ބުނީ، ގަތަރުގައި އިރާގާ ދެކޮޅަށް ވަރުގަދަ މެޗެއް ކުޅުނުތާ ހަތަރުވަރަކަށް ދުވަހުގެ ތެރޭގާއި ދިގު ދަތުރެއްކޮށް ބްރެޒިލަށް އައިސް އެގައުމާ ދެކޮޅަށް ކުޅުނު މެޗުން ބަލީވީ ކުޅުންތެރީން މާބޮޑަށް ވަރުބަލިވެފައި ތިބުމުން ކަމަށެވެ. އަދި މިރޭ އިޓަލީއާ ދެކޮޅަށް ނުކުންނާނީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި ބްރެޒިލްއާ ދެކޮޅަށް ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް އިޓަލީއާ ދެކޮޅަށް އޭނާގެ ޓީމުން ދައްކައިފި ނަމަ ނަތީޖާ ރަނގަޅު ކުރެވޭނޭ ކަމަށްވެސް ޒަކަރޯނީ ބުންޏެވެ.
އެ މެޗާ ބެހޭގޮތުން އިޓަލީގެ ކޯޗް ސީޒާ ޕްރެންޑަލީ ބުނީ، ޖަޕާނު ޓީމުން އެ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވާނޭ ކަމަށް ގަބޫލު ކުރާކަމަށާއި އަދި ޖަޕާނުގެ ކޯޗަކީ އިޓަލީގެ ކުޅުންތެރިންނާއި ކުޅުން ވަރަށް ރަނގަޅަށް ދަންނަ ކޯޗެއް ކަމަށް ވުމުން އިޓަލީއާ ދެކޮޅަށް ވަރުގަދަ ރޭވުންތަކެއް ރާވާނޭކަން ޔަގީން ކަމަށެވެ. އަދި މެޗަށް ނުކުންނަ އިރު ހުރިހާ ގޮތަކުންވެސް އެޑްވާންޓޭޖް އޮތީ ޖަޕާނު ޓީމަށް ކަމަށް އޭނާ ބުންޏެވެ.
ކޮންފެޑޭރޭޝަންސް ކަޕްގައި އިޓަލީއާއި ޖަޕާން ބައްދަލުކުރާމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 3:00ގަ އެވެ.