އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުމަށް ފަހު އަންނަ މަހުގެ 31ގެ ކުރިން ހުށަހަޅަން ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އަހަރު ނިމުމުގެ އެއް މަސް ކުރިން އެ މިނިސްޓްރީން ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަން ޖެހުނު ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާ އަށް ގެނައި އިސްލާހާ ގުޅިގެން، ބަޖެޓް އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ބަޖެޓް ތައްޔާރުކުރުމަށް ފަހު އަންނަ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

"ވީމާ، ދައުލަތުގެ އެންމެހައި މުއައްސަސާތަކުން މި ސާކިއުލާގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 2014 އިން 2016އަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރައްވައި 31 ޖުލައި 2013ގެ ކުރިން މި މިނިސްޓްރީއަށް ފޮނުއްވައިދެއްވުން އެދެމެވެ،" އެ ސާކިއުލާގައި ބުނެފައިވެ އެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި ބަޖެޓް ނުފޮނުވާ މުއައްސަސާތަކުގެ ބަޖެޓް ސީދާ އެ މިނިސްޓްރީން އަމިއްލައަށް ތައްޔާރުކުރުމަށް ފަހު މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމެއްގެ ޒިންމާއެއް ނުނަގާނެ ކަމަށް ފިނޭންސް އިން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރައްވައި ނެރުނު ސާކިއުލާފައި ބުނެފައި ވަނީ 2014ން 2016 އަށް ލަފާކުރާ ދައުލަތުގެ މެދުރާސްތާ ބަޖެޓްގެ މައިގަނޑު އަމާޒަކީ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައި ބަޔާންކޮށްފައިވާ މިސްރާބަށް ދައުލަތުގެ ފިސްކަލް ޕޮލިސީ ބަދަލުކޮށް ގައުމަށް ފިސްކަލް ސްޓެބިލިޓީ ގެނައުން ކަމަށެވެ. އަދި ދައުލަތުގެ ދަރަނި ކުޑަކޮށް ލިބޭ އާމްދަނީން ރައްޔިތުންނަށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒިންމާދާރު އަދި ހާމަކަން ބޮޑު ގޮތެއްގައި ދައުލަތުގެ ހަރަދުތައް ބައްޓަންކުރުން ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށް ޓަކައި ބަޖެޓްގެ ޑެފިސިޓް ކުޑަކުރަން ޖެހޭ ކަމަށެވެ. އަދި ބަޖެޓްގެ ޑެފިސިޓް ކުޑަކުރެވޭނީ ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ މިންވަރަށް ދައުލަތުގެ ހަރަދުތައް ހަމަޖައްސައިގެން ނުވަތަ އާމްދަނީ ލިބޭ އިތުރު ގޮތްތަކެއް ހޯދައި ލިބޭ އާމްދަނީ އިތުރުކުރެވިގެން ކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރަން ދައުލަތުގެ މުއައްސަސާތަކަށް ފިނޭންސް އިން އެންގި އިރު ސަރުކާރުން މިހާރު ދަނީ ސަޕްލިމެންޓްރީ ބަޖެޓެއް މި ދައުރުގެ މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަމުންނެވެ.