ސިސްޓަމް އެރާ އެއްކަމަށް ބުނެ އޮޅިގެން ގަވާއިދާ ޚިލާފަށް 4000 ބިދޭސީން ރާއްޖެ އެތެރެކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާގެ ސިސްޓަމަށް އެއްވެސް ކަހަލަ މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ. އަދި ބުނެފައި ވަނީ އޮޅިގެން 4000 ބަނގުލަދޭޝްގެ މީހުން ރާއްޖެ އެތެރެކުރިމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ކޯޓާ ދޫކުރަނީ އިމިގްރޭޝަނުން ކަނޑައަޅައި އެންސީއައިޓީ އަށް ފޮނުވާފައި އޮންނަ ގޮތަށް ކަމަށާއި އެ ފޯމިއުލާ އަށް އެއްވެސް ބަދަލެއް ގެންނާނީ އިމިގްރޭޝަނުން ރަސްމީކޮށް އެންސީއައިޓީ އަށް އެންގުމުން ކަމަށެވެ.

ސިސްޓަމް އެރާއެއްގެ ސަބަބުން އޮޅިގެން 4000 ބިދޭސީން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ބުނެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

ކުއްލި މައްސަލަ ހުށަހެޅުމާ އެކު ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ އެއީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލައި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ.

ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަންގަވައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެ ކުއްލި މައްސަލައަކީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެމްޑީޕީން ކޮންމެ މައްސަލައެއް ހުށަހެޅިއަސް މަޖިލީހުގެ ރައީސް އެ މައްސަލަ އެޖެންޑާ ކުރައްވާ ކަމަށާއި ގަވާއިދާ ޚިލާފަށް މައްސަލަ ހުށަހަޅައި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާތީ އެކަމާ ކަންބޮޑުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.