02 Nov 2010, 09:01
މަސްއޮޑި ނަސީމް ޖަލުގައި ހުންނެވި ފަސް އަހަރުގެ މުއްދަތުގެ މައްޗަށް ބިނާކޮށް ފޮތެއް ލިޔުއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމްދު ނަސީމް މިއަދު ވިދާޅުވީ އޭނާ ފޮތް ލިޔުއްވާނީ ފަސް އަހަރު ދުވަސް ޖަލުގައި ހޭދަކުރެއްވި އިރު "ޖަލުގައި ދުށް" ކަންތައްތަކުގެ މައްޗަށް ކަމަށެވެ.
އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިއުއްވާ ފޮތް އަންނަ އަހަރުގެ ކުރީކޮޅު ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަސީމު ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ ފޮތް ލިޔުމުގެ މަސައްކަތް ފަށައިގަނެގެން މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި ފޮތަށް ކިޔާނެ ވަކިނަމެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
"ދިވެހިރާއްޖޭ ސުވަރުގޭގެ ނަމުގައި މަޝްހޫރުވެގެން ދިޔަ ދުވަސްވަރު ސުވަރުގޭގެ ފަހަތުން ހިނގަމުން ދިޔަ ކަންތައްތައް މި ފޮތުން ދައްކުވައިދޭނެ،" ނަސީމް ވިދާޅުވެ އެވެ. "އަޅުގަނޑު މި ފޮތް މި ލިޔަނީ އެއްވެސް މީހެއްގެ ފަރާތުން ބަދަލު ހިފާކަށް ނޫން. ބައެއް ބޭފުޅުންގެ ނަން ވެސް ހުންނާނީ ބަދަލުކޮށްފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ބޭފުޅުންގެ ވެސް އަބުރު އޮންނާނެ. މި ފޮތް ވެގެން ދާނީ ދިވެހިންނަށް ވަރަށް މުހިންމު ފޮތަކަށް." ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ އޭނާ 1980 ވަނަ އަހަރުން ފެށިގެން 1985 ވަނަ އަހަރަށް ހޭދަކުރެއްވީ ޖަލުގައި ކަމަށެވެ.