20 Mar 2010, 10:05
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އ.ދގެ އާ މުއާހަދާއެއް ރާއްޖެއިން އިސްނަގައިގެން އެކުލަވާލުމުމުގެ މަޝްވަރާތައް ފަށައިފި އެވެ.
ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ކުޑަކުދިން ހިމާޔަތްކުރުމާ ބެހޭ ޔޫ.އެން ކޮންވެންޝަން ދަށުން ހެދޭ އެ މުއާހަދާ އެކުލަވާލުމުގައި އިސްކޮށް ތިބީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރާ އެންޖީއޯސްތަކާއި ޤާނޫނީ ވަކީލުންނާއި ޑޮކްޓަރުންނެވެ. ދިވެހި ރާއްޖެއިން މި މުއާހަދާ ހެދުމުގެ މަސައްކަތް ފަށައިފައި މިވަނީ ޑޮމެސްޓިކް އިންސްޓިޓުޓްތަކުން ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށް ނުކުޅެދިފައިވަނިކޮށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އ.ދގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާއެއް 1990 ގައި އުފެދުނީއްސުރެ މިއަދާ ހަމައަށް އެންމެ ގިނަ ޤައުމުތަކުން ބައިވެރިވެފައި ވަނީ ކުޑަކުދިން ހިމާޔަތްކުރުމުގެ މުއާހަދާގަ އެވެ. އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވެފައި ވަނީ 1991 ގަ އެވެ. ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ އިސްލާހީ މުއާހަދާއެއް ބޭނުންވެފައި މިވަނީ ކުޑަކުދިންނަށް ކުރެވޭ އަނިޔާތައް އ.ދ. އަށް ހުށަހެޅުމަށް ރަނގަޅު މުއާމަލޭތެއް ކުރެވެމުންނުދާ ވަގުތެއްގަ އެވެ. މިކަމަށްޓަކައި ރަނގަޅު ނިޒާމެއް އެކުލަވާލުމަށް ވިހި އަހަރުވެފައިވީ ނަމަވެސް ޤައުމުތަކުގެ ސަރުކާރުން މިކަމަށް އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައެއްނުވެ އެވެ.
އާ މުއާހަދާއެއް އެކުލަވާލުމަށް ރާއްޖެއާއެކު މަސައްކަތް ކުރަމުންދާ މިސްރާއި، ކެންޔާ، ފިންލޭންޑް، ފްރާންސް، ތައިލެންޑު، އުރުގުއާއީ ޗިލީ، ސްލޮވީނިޔާ އަދި ސްލޮވާކިޔާގެ މަސްއޫލުވެރިން ޖެނީވާގައި ހުންނަ އ.ދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ބޭއްވި މަޝްވަރާތައް ނިންމާލާފައިވަނީ މުޅިން އާ ޕްރޮޓޮކޯލެއް އެކުލަވާލެވޭނެ ކަމުގެ ޔަޤީންކަމާއެކު ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.