19 Jun 2013, 11:25
ދިވެހި ކުންފުންޏަކުން ބިދޭސީ ފަރާތްތަކަށް ކުރާ ހަރަދުތަކަށް ނަގާ ޓެކުސް ކަމަށްވާ ވިތު ހޯލްޑިން ޓެކުސް ދެއްކުމާ ދެކޮޅަށް މެގަ މޯލްޑިވްސް އެއާލައިންއިން ޝަކުވާތަކެއްް ފެންމަތިކޮށްފި އެވެ.
މެގަ މޯލްޑިވުސް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ އެއާލައިންއިން މީރާ އަށް ދައްކަންޖެހޭ ޓެކުހަކީ ވިތު ހޯލްޑިން ޓެކުސްއެއް ކަމަށާއި ވޭތުވެ ދިޔަ ތިން އަހަރު ވެސް އެ އެއާލައިން އިން ވިތު ހޯލްޑިން ޓެކުހުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މީރާ އާއި ސަރުކާރާ އެކު މަޝްވަރާކުރަމުން އައިސްފައިވާ ކަމަށެވެ.
އަދި ބުނީ އެ ކުންފުނީގެ އެއާލައިންތަކަށް ހޯދަންޖެހޭ ހިދުމަތްތައް ހޯދުމަށް ބަރޯސާވެފައި ވަނީ ޓެކުނިކަލް ހިދުމަތްތައް ފޯރުކޮށްދޭ ބޭރުގެ ފަރާތްތަކަށް ކަމަށެވެ. އަދި އެ ހިދުމަތްތަކަށް 10 ޕަސެންޓްގެ ވިތު ހޯލްޑިން ޓެކުސް ދައްކަންޖެހޭތީ އެކުންފުނީގެ ހަރަދުތައް 10 ޕަސެންޓަށް އިތުރުވަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި ވިތު ހޯލްޑިން ޓެކްސް ނެގޭނެ ހަރަދުތަކާއި ނުނެގޭނެ ހަރަދުތައް މީރާ އިން ކަނޑައެޅެމަކީ އެ އެއާލައިންނަށާއި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންކަމަށް ވެފައިވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
"ވިތު ހޯމްޑިން ޓެކުހުގެ މައްސަލާގައި އަޅުގަނޑުމެން މީރާއާ އެކު ކުރަމުންދާ މަޝްވަރާތަކުގައި އެހީތެރިވެދެއްވާ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ވެސް އިޝާރާތް ކުރައްވާފައިވާ ގޮތުގައި އެއާލައިނެއްގެ އެފަދަ ހަރަދު ތަކުން ޓެކުސް ނެގުމަކީ މި ޝިނާއަތައް ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިކުރުވާނެ ކަމެކެ،" މެގަ މޯލްޑިވްސް އިން ބުންޏެވެ.
މީރާއިން ކުރި އޮޑިޓަކާ ގުޅިގެން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން މެގަ މޯލްޑިވްސްގެ ހުރިހާ އެކައުންޓްތަކެއް މިހާރު ވަނީ ފްރީޒްކޮށްފަ އެވެ. އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން މިދިޔަ ހޯމަ ދުވަހު ވަނީ މެގަ މޯލްޑިވްސްގެ ފުލައިޓެއް ފުރިޔަ ނުދީ ހިފަހައްޓާފަ އެވެ. އަދި ފަހުން މެގަ މޯލްޑިވްސްގެ ބޯޓު ފުރުވާލީ ފައިސާ ދައްކާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ފަހު އެއްބަސްވެގެން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. ސަންއަށް އެނގިފައިވާ ގޮތުގައި މެގައިން އެމްއޭސީއެލަށް މިލިއަނެއްހާ ޑޮލަރު ދައްކަންޖެހެ އެވެ. އަދި ހޯމަ ދުވަހު ފުރަން އޮތް ބޯޓު ހިފެހެއްޓުމުން 235،000 ޑޮލަރު މިއަދު ދައްކަން އެއްބަސްވެފައިވެ އެވެ. އޭގެ އިތުރުން މިމަހުގެ 19 އަދި 20 ވަނަ ދުވަހު 389،000 ޑޮލަރު ދައްކަން އެއްބަސްވެފައިވާ ކަމަށް އެނގިފައިވެ އެވެ.