19 Jun 2013, 11:16
މިދިޔަ މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު 25 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 79،426 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު އައިސްފައި ވަނީ 63،534 ޓޫރިސްޓުން ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 463،174 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 16 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން މިދިޔަ މަހު އެކަނި ވެސް 23،613 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 46 ޕަސެންޓް އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެ ގައުމުން 8،812 ޓޫރިސްޓުން އައިސްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ ނުވަ ޕަސެންޓް ދަށަށް އަދަދެއް ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.