19 Jun 2013, 10:48
ވިބީ އައްޑޫ އެފްސީގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި މުހައްމަދު ނަޒީހު އެ މަގާމުން ވަކިވުމާ ގުޅިގެން ވީ އެންމެ އަވަހަކަށް ބިދޭސީ ހެޑް ކޯޗެއް ވިބީއަށް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށް ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަމުން ސަތޯ ބުނީ، ނަޒީހު އަކީ މޮޅު ކޯޗެއް ކަމަށާއި އޭނާގެ ބެލުމުގެ ދަށުން ވީބީ ހޯދި ކާމިޔާބީއަކީ އެއްވެސް ހާލަތެއްގައި ދަށް ނަތީޖާއެއް ނޫން ކަމަށާއި ނަޒީހު ކޮއްދިން ބުރަ މަސައްކަތަށް ވީބީން މަރުހަބާ ކިޔާކަމަށެވެ. އަދި ވީބީގެ މިހާރުގެ ވިސްނުން ހުރީ ވީ އެންމެ އަވަހަކަށް ހެޑް ކޯޗެއް ހަމަޖެއްސުން ކަމަށާއި މިހާރުވެސް ބިދޭސީ ކޯޗެއް ގެނައުމުގެ ވިސްނުން ކުލަބުން ގެންގުޅޭ ކަމަށެވެ.
"ނަޒީހަކީ މޮޅު ކޯޗެއް. އޭނަ ކޮއްދިން ބުރަ މަސައްކަތަށް މަރުހަބާ ކިޔަން. ވީބީގެ ވިސްނުން މިހާރު ހުރީ ބިދޭސީ ކޯޗަކަށް. ސީޒަންގެ ބާކީ އޮތް ބައިގައި ވީބީގެ ކޯޗުކަމުގެ މަގާމުގައި ދެން ހުންނާނީ މުހައްމަދު ޝާހިދު" ސަތޯ ބުންޏެވެ.
ނަޒީހު ވީބީގެ ކޯޗް ކަމުން އިސްތިއުފާ ދިންއިރު، ވީބީ އޮތީ ނުވަ ޕޮއިންޓާ އެކު ތާވަލްގެ ފުލުގަ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެ މެޗު އޮތްއިރު، ވީބީ އަށް ރެލިގޭޝަނުން ސަލާމަތްވުމުގެ އަމިއްލަ ބާރު ވެސް މިހާރު ވަނީ ގެއްލިފަ އެވެ.
ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ވީބީ ނުކުންނާނީ ބީޖީއާ ދެކޮޅަށެވެ. އަދި ދެވަނަ ބުރުގައި ކުޅެންޖެހޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ހަވީރު ވީބީ ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.