ލާވްއެރްން (ޖޫން 19): ސިނާއީ ގޮތުން ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ޖީ 8 ގައުމުގެ ސަމިޓް، ނޮދަން އަޔަލޭންޑްގެ ލާވް އެރްން ރެސޯޓްގައި އިއްޔެ ނިންމާލި އިރު ސޫރިޔާގެ މައްސަލާގައި ހުޅަނގާއި ރަޝިޔާއާ ދެމެދު ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައިވާކަން ހާމަވެއްޖެ އެވެ.

މިސަމިޓްގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވެގެން ގޮސްފައި ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާ ނިންމި ނިންމުމާއި ސޫރިޔާގައި އުދުހުންމަނާކުރާ ސަރަހައްދެއް ޤާއިމް ކުރުމަށް ހުޅަނގުން ރާވަމުންދާ ޕްލޭންތަކުގެ އިތުރުން ސޫރިޔާގެ މުސްތަޤްބަލް ކަނޑައެޅުމުގައި ރައީސް ބައްޝާރުލްއަސަދުގެ ދައުރާމެދު ގައި ކަމަށް ޚަބަރު ލިބެ އެވެ.

މިސަމިޓްގައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާ ނިންމި ނިންމުމަކީ ނުރައްކާތެރި ނިންމުމެއް ކަމަށް ސިފަކުރައްވައި މިކަމުގެ ނޭދެވޭ ނަތީޖާއާމެދު ހުޅަނގަށް އިންޒާރު ކުރައްވާފައެވެ.އަދި ސޫރިޔާގައި އުދުހުންމަނާކުރާ ސަރަހައްދެއް ޤާއިމް ކުރުމަށް ހުޅަނގުން ރާވާ ޕްލޭންތަކަށްވެސް ޕޫޓިން ދެކޮޅު ހައްދަވާފައިވާ ކަމަށްވެއެވެ.

ނަމަވެސް ޖީ 8 ގެ ސަމިޓުން ނެރުނު ބަޔާނުގައި ސޫރިޔާގެ ސުލްޙައާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ އަށް ހުރިހާ ލީޑަރުންވެސް ތާއީދު ކުރައްވާފައިވެއެވެ. މިގޮތުން ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށްޓަކައި ބޭއްވުމަށް މަސައްކަތްކުރެވޭ ބައިނަލްއަޤްވާމީ މަހާސިންތާއަށް ތާއީދުކޮށް އެމަހާސިންތާ އަވަސްކުރުމަށް ސަމިޓްގެ ބަޔާނުގައި ގޮވާލައްވާފައިވެއެވެ. ނަމަވެސް ސޫރިޔާގެ މުސްތަޤްބަލް ކަނޑައެޅުމުގައި ރައީސް ބައްޝާރުލްއަސަދުގެ ދައުރަށް އިޝާރާތް ކޮށްފައެއްނުވެއެވެ.

އަނެއްކޮޅުން ދުނިޔޭގެ އިޤްތިސާދުގެ އުދަރެސް އަދިވެސް ފެންނަނީ ކިލަނބުކޮށް ކަމަށް ސަމިޓުން ބުނެފައިވެއެވެ. ނަމަވެސްޖަޕާނާއި ޔޫރޯޒޯންގެ ގައުމުތަކާއި އެމެރިކާއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ހީނަރުކަމުގެ ނުރައްކާތެރިކަން މިހާރު ކުޑަވެފައިވާކަމަށް ޖީ 8 ސަމިޓުން ނެރުނު ބަޔާން ބުނެއެވެ. މީގެއިތުރުން އިޤްތިސާދީ ކުރިއެރުމާއި ވަޒީފާގެ ފުރްސަތު އިތުރުކުރުމަކީ ޖީ 8 ގެ ގައުމުތަކުން އެންމެ ބޮޑު އިސްކަންދޭނެ ކަންތައްކަމަށްބުނެ ޖަޕާނާއި ޔޫރޯޒޯންގެ ގައުމުތަކާ އަދި އެމެރިކާގައި ތަންފީޒު ކުރެވެމުންދާ އިޤްތިސާދު ނެގެހެއްޓުމުގެ ފިޔަވަޅުތަކަށް ޖީ 8 ގެ ލީޑަރުން ވަނީ ތާއީދުކުރައްވާފައެވެ.(ނޫސްއެޖެންސީތައް)