ނިމިގެންދިޔަ 2012 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް 7.6 މިލިއަން މީހުން ގެދޮރު ނެތި، ރެފިއުޖީންނަށް ވެގެން ގޮސްފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ ހައި ކޮމިޝަނާގެ އޮފީސް (ޔޫއެންއެޗްސީއާރު) އިން ބުނެފި އެވެ.

ޔޫއެންއެޗްސީއާރުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ރެފިއުޖީންގެ އަދަދު މިހާ މައްޗަށް ގޮސްފައި ވަނީ ސޫރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައާ ގުޅިގެން އެގައުމުގެ ގިނަ ބަޔަކު ސަލާމަތް ހޯދުމަށް ގެދޮރު ދޫކޮށް ހިޖުރަކުރަމުންދާތީވެ ކަމަށެވެ.

މިރިޕޯޓުގައި ބުނެފައި ވަނީ ރެފިއުޖީންގެ ތެރެއިން 55 އިންސައްތަ މީހުންނަކީ ފަސް ގައުމަކުން އެހެން ތަންތަނަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައިވާ މީހުން ކަމަށާއި އެ ފަސް ގައުމަކީ އަފްގާނިސްތާން، ސޫރިޔާ، އިރާގު، ސޯމާލިޔާ އަދި ސޫދާން ކަމަށެވެ.

އަދި ދުނިޔޭގައި މިހާރު ތިބި 7.6 މިލިއަން ރެފިއުޖީންގެ ތެރެއިން 81 އިންސައްތަ ރެފިއުޖީންނަށް ހިމާޔަތާއި ރައްކާތެރިކަން ދެމުން އަންނަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކަމަށާއި މިއީ މީގެ 10 އަހަރުގެ ތަފާސްހިސާބުތަކާ އަޅާ ބަލާއިރު 11 އިންސައްތަ މަތީ އަދަދެއް ކަމަށް އދ. އިން ބުނެ އެވެ.

ޔޫއެންއެޗްސީއާރުގެ ވެރިޔާ އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ މިއަދަދުތަކަކީ ކަންބޮޑުވާން ޖެހޭ ވަރުގެ އަދަދުތަކެއް ކަމަށެވެ.

"ހަގީގަތުގައި ވެސް މިއީ ކަންބޮޑުވާން ޖެހޭ އަދަދުތަކެއް. މިއަދަދުތަކުން ދައްކައިދެނީ ހާލުގައި ޖެހިފައިވާ މީހުންގެ އަދަދުތައް. އެއަދަދުތައް ގިނަކަން. މިއަދަދުތަކުން އެނގެނީ ހަމަނުޖެހުންތަކާއި ދާހިލީ ހަނގުރާމަތައް ހުއްޓުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ފެއިލްވެފައިވާ ކަން." ގުޓަރޭޒް ވިދާޅުވި އެވެ.

އދ.ގެ މިރިޕޯޓުގައިވާ ތަފާސް ހިސާބުތަކަކީ ޔޫއެންއެޗްސީއާރުގެ އިތުރުން ސަރުކާރުތަކާއި އެހެނިހެން އެންޖީއޯތަކުގެ ތަފާސްހިސާބުތައް އެއްކޮށްގެން ހޯދިފައިވާ އަދަދުތަކެކެވެ.

ރެފިއުޖީންގެ ތެރެއިން އެންމެ ގިނަ މީހުންނަކީ އަފްގާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ފިލަން ހިޖުރަކޮށްފައިވާ މީހުންނެވެ.

ދެވަނަ އަށް އެންމެ ގިނަ ރެފިއުޖީންނަކީ ސޯމާލިޔާއިން ހިޖުރަކޮށްފައިވާ މީހުންނެވެ. ތިންވަނާގައި އުޅެނީ އިރާގެވެ. ދެން ސޫރިޔާ އެވެ.

ގުޓަރޭޒް ވިދާޅުވީ 7.6 މިލިއަން ރެފިއުޖީންގެ މާނައަކީ، ކޮންމެ 4.1 ސިކުންތަކު މީހެއް ރެފިއުޖީއަކަށް ވެގެންދާ ކަން ކަމަށެވެ.

"ވިސްނާލާ. އެސްފިޔަ ޖަހާލާ ކޮންމެ ފަހަރަކު، ކޮންމެވެސް ތަނެއްގައި މީހަކު ރެފިއުޖީއަކަށް ވެގެން އެބަދޭ." އޭނާ ވިދާޅުވި އެވެ.