19 Jun 2013, 09:52
އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިންތިޚާބުގައި ވާދަކުރަން އެތުލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ނިންމައިފި އެވެ.
އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް އިންތިޚާބް ކުރާ 13 މަގާމުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަނުން ވާދަކުރާނީ ތިން މަގާމެއްގަ އެވެ. އެގޮތުން އެ އެސޯސިއޭޝަނުން ވާދަކުރާ ތިން މަގާމަކީ ޓްރެޜަރާ، އިންޑިވިޖުއަލް އޮލިމްޕިކް ސްޕޯޓްސް އަދި އަންހެން މެމްބަރުގެ މަގާމެވެ.
ޓްރެޜަރާގެ މަގާމަށް ވާދަކުރާނީ އެތުލެޓިކްސް އެސޯސިއޭޝަންގެ ޓްރެޜަރާ މުސްތަަފާ މުހަައްމަދު އެވެ. އަދި އަންހެން މެމްބަރުގެ މަގާމަށް ވާދާކުރާނީ އެއެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރު އާމިނަތު ޝާޒްލީން އެވެ.
ކުރިއަށް އޮތް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި ރައީސްގެ މަގާމަށް އެފްއޭއެމްގެ ފަރާތުން މުހައްމަދު ޝަވީދުގެ ނަން ހުށަހެޅުމަށް އެފްއޭއެމްގެ އެކްސްކޯ އިން ފާސްކޮށްފި ކަމަށް މީޑިއާގައި އަޑުފެތުރިފައި ވާއިރު، ދެން އެކޮމެޓީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައި ވަނީ ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދު ޝަރީފެވެ. އަދި އޭނާއާ އެކު ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިމަތި ލައްވާނެކަން އިއުލާން ކުރައްވާފައި ވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ރިޔާޒެވެ.
އިންތިހާބުގެ އެޕްލިކޭޝަން ފޯމްތައް އޮލިމްޕިކް ކޮމެޓީން މިހާރު ވަނީ ދޫކުރަން ފަށައިފަ އެވެ. ފޯމްތައް ދޫކުރާނީ އޮލިމްޕިކް ކޮމެޓީގެ އިދާރާއިން ސަރުކާރު ބައްދުނޫން ކޮންމެ ދުވަހެއްގެ 9:30 އިން 4:00 އަށެވެ.
"އެޕްލިކޭޝަން ފޯމް ތައް ބަންދުކުރާނީ 23 ޖޫން ގެ 14:30 ގެ ކުރިން. އަދި އެޕްލިކޭޝަންތައް ކޮމެޓީން ބެލުމަށްފަހު، ކެންޑިޑޭޓުންގެ ނަންތަކާއި އެ ކެންޑިޑޭޓުން ކުރިމަތިލައިފާ މަގާމްތައް އިއުލާން ކުރާނެ. އަދި ލިސްޓު ފައިނަލް ކުރުމުގެ ހުރިހާ ކަމެއް 27 ޖޫން އަށް ނިމިގެން ދާނެ." އޮލިމްޕިކް ކޮމެޓީން ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.