އިސްލާމް އާބާދު (ޖޫން 19) : ޕާކިސްތާނުގައި ކުރިޔަށްދިޔަ ޖަނާޒާއެއްގައި މައްޔިތާގެ މޫނުބެލުމަށް ގިނަޢަދަދެއްގެ ބަޔަކު އެއްވެފައިވަނިކޮށްހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ހުރިމީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ޙަމަލާއެއްގައި 28 މީހަކު މަރުވެ 55 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެވެ.

މިޙަމަލާ ދީފައިވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ރަށެއްކަމަށްވާ ޝީގަރުގާރާ ގެ މަރްދާން އަވަށުގައެވެ. ޝީގަރުގާރާ ގެ މަރްދާން އަވަށުގައި އިއްޔެ ކުރިޔަށްދިޔަ ޖަނާޒާއަކަށް ގިނަ އަދަދެއްގެ މީހުން އެއްވެފައިވަނިކޮށް މީހަކު އަމިއްލައަށް މަރުވެގެންދިން މިޙަމަލާގައި، ޖަނާޒާއަށް އެއްވެތިބި އެތަށްބަޔަކު މަރުވެ އެމީހުންގެ ހަށިގަނޑުގެ ބައިތައް ކުދިކުދިވެ އެތަންމިތަނަށް ބުރައިގެން ދިޔަކަމަށާ މުޅިތަންއޮތީ ލެއާއި މީހުންގެ ކައްޓާއި މަހުގެ ބައިތަކުން ތަތްތެޅިފައި ކަމަށް މަންޒަރުދުށްމީހުންނާ ޙަވާލާދީ ޕާކިސްތާނުގެ މީޑިޔާ ބުނެފައިވެއެވެ.

މި ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި މިހާރުގެ ސިޔާސީ ލީޑަރެއް ކަމަށްވާ ޢިމްރާން ޚާން ގެ ތަޙްރީކޭ އިންސާފް ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރަކުވެސް ހިމެނޭ ކަމަށް ވެއެވެ. މިއީ ޕާކިސްތާނުގެ ވެރިކަމާ ނަވާޒް ޝަރީފް ޙަވާލުވެވަޑައިގެންނެވި ފަހުން އެގައުމުގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ޙަމަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީހަކު އަމިއްލައަށް މަރުވެގެން ދިން މި ޓެރަރިސްޓް ޙަމަލާގެ އަމާޒަކީ ޢިމްރާން ޚާންޕާޓީގެ މެންބަރުކަން ނުވަތަ ނޫންކަން އެނގިފައިނުވާއިރު މިޙަމަލާގެ ޒިންމާވެސް އެއްވެސް ފަރާތަކުން އަދި އުފުލާފައެއްނުވެއެވެ.

ޕާކިސްތާނުގައި ކުށެއްނެތް ޢާންމުންނަށް އަމާޒުކޮށްގެން މިފަދަ ޓެރަރިސްޓް ޙަމަލާތައް ޢާންމުކޮށް ދެމުން ގެންދަނީ އެގައުމުގެ ހަރުކަށި ހަނގުރާމަވެރި ޖަމާޢތެއް ކަމަށްވާ ތާލިބާން ޖަމާއަތުންނެވެ. ނަވާޒް ޝަރީފްވަނީ ތާލިބާނުންގެ ނުރައްކަލުން ޕާކިސްތާން ސަލާމަތް ކުރުމަށްޓަކައި އެޖަމާއަތާއެކު ސުލްޙައިގެ ވާހަކަތައް ފެށުމަށް ބޭނުންވާކަން ހާމަކުރައްވާފައެވެ. (ނޫސްއެޖެންސީތައް)