19 Jun 2013, 09:42
ޔުއެފާ ޔޫރޯ 21 އަހަރުން ދަށުގެ ފައިނަލްގައި ސްޕެއިންގެ ކެޕްޓަން ތިއާގޯ އަލްސާންޓަރާގެ ހެޓްރިކާއެކު 4-2 ން އިޓަލީގެ މައްޗަށް ކުރި ހޯދައި އެ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ދިފާއު ކޮށްފި އެވެ.
އިސްރާއީލުގައި ކުޅުނު ފައިނަލް މެޗުގައި، އެ މުބާރާތުގެ ޗެމްޕިއަންކަން ފަސްފަހަރު ހޯދާފައިވާ އިޓަލީގެ ގޯލް ހުޅުވާލަ ދިނީ، މެޗުގެ ހަ ވަނަ މިނިޓުގައި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު އަލްސާންޓަރާ އެވެ. އެހެން ނަމަވެސް އޭގެ ހަތަރު މިނިޓުފަހުން އިޓަލީގެ ޗީރޯ އިމޮބައިލްވަނީ ލަނޑެއް ކާމިޔާބުކޮށް އިޓަލީއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ސްޕެއިންއަށް ދެވަނަ ފަހަރަށްވެސް މެޗުގެ ކުރި ހޯދައިދިނީ ތިއާގޯ އެވެ. 31 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ފަހު އޭގެ ހަތް މިނިޓު ފަހުން ސްޕެއިން އަށް ލިބުނު ޕެނަލްޓީއަކުން ހެޓްރިކެއް ހަދައި، އޭނާ ވަނީ ސްޕެއިންގެ ނަތީޖާ 3-1އަށް ފުޅާކޮށްފަ އެވެ.
ސްޕެއިންގެ ހަތަރުވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ، އިސްކޯ އެވެ. އިޓަލީގެ ދެވަނަ ލަނޑު 79 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ފަބިއޯ ބޮރިނީ އެވެ.
ސްޕެއިންގެ ސީނިއާ ޓީމެކޭ އެއްފަދައިން 21 އަހަރުން ދަށުގެ ޓީމުންވެސް ވަނީ، ރީތި ހަލުއި އަދި މޮޅުކުޅުމެއް ފައިނަލް މެޗުގައި ދައްކައިދީފަ އެވެ. އެ ގޮތުން މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމް (އިޓަލީ)އަށް މެޗުގެ ބޮޑު ބައެއްގައި ކޮންޓްރޯލް ގެއްލިފައިވާކަން ފާހަގަ ކުރެވެ އެވެ.
މިފަހަރު ޗެމްޕިއަން ދިފާއުކުރުމުން ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމަށް އެ ޔުއެފާ ޔޫރޯ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ހަތަރު ފަހަރަށް ކާމިޔާބު ކުރެވުނީ އެވެ.