19 Jun 2013, 09:26
އައްޑޫ ލިންކު ރޯޑަކީ މީގެ 10 ވަރަކަށް އަހަރު ކުރިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި އޭޝިއަންޑިވެލޮޕްމަންޓް ބޭންކުގެ 7.9 މިލިއަން ޑޮލަރު (121.8 މިލިއަން ރުފިޔާ) ލޯނުގެ އެހީގައި އައްޑޫގެ ފަސް ރަށެއް ގުޅާލުމަށް ހެދި މަގެކެވެ. މީހުން ދިރިއުޅޭ ބޮޑު އާބާދީއެއްގައި ދަތުރުފަތުރަށް އިތުރު ލުޔެއް ހޯދާ ދިނުމާއި ގުޅިފައިވާ ރަށްރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް މަގުފަހިކޮށް ދިނުމަށް ހެދި މަގެކެވެ. ރައްކާތެރިކަމާ އެކު އެއްގަމު ދަތުރުފަތުރުގެ ފަސޭހަކަން ހޯދައިދިނުމަށް ހެދި މަގުގެ ރައްކާތެރިކަން ގެއްލި ފުރާނަ ގެއްލޭފަހަރު ގިނަ އެވެ. ކޮންމެ އަހަރަކު އެތައް އެކްސިޑެންޓެއް އެ މަގުގައި ހިނގައި، މަދު ބައެއްގެ ފުރާނަ ގޮސްފައިވެ އެވެ.
އައްޑޫ ސިޓީގެ ލިންކް ރޯޑަށް ދިމާވެފައިވާ މައްސަލަތަކާއި އައްޑޫ ސިޓީ ލިންކް ރޯޑުގައި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭ ގޮތުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ލިންކް ރޯޑުގައި އެކްސިޑެންޓް ހިނގުމަށް މެދުވެރިވާ އެއް ސަބަބަކީ ދޭން ޖެހޭ ސަމާލުކަން އެކަށީގެންވާ ގޮތަށް ނުދޭތީ ދުއްވާއެއްޗެހި ސްޕީޑުން ނައްޓާލުމުން ހިނގާ އެކްސިޑެންޓްތައް ކަމަށެވެ. އަދި އެފަދަ ބޮޑު ހައިވޭއެއްގައި ހުންނަން ޖެހޭ ސަލާމަތީ ރައްކާތެރިކަން ނެތުމަކީ ވެސް އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ ސަބަބެއް ކަމަށް ސޯބެ ވިދާޅުވި އެވެ.
"އެފަދަ ބޮޑު ހައިވޭއެއްގައި ހުންނަން ޖެހޭ ނިޝާންތައް ނެތުން އެއީ ވަރަށް ބޮޑު މައްސަލަ އެއް. ސްޕީޑް ދައްކުރަން ނުވަތަ ގޯޅިއެއް އަންނަކަން އަންގައިދޭ ނިޝާންތަކެއް ނެތް. ބްރިޖުތަކާއި ކޯޒްވޭތައް އަންނަކަން އަންގައިދޭ ނިޝަންތަކެއް ނެތް. އެހެން ވީމަ ދުއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެ ނިޝާންތައް ހުންނަން ޖެހޭނެ. އަދި ލިންކް ރޯޑް ޑިޒައިން ކުރެވިފައިވާ ގޮތަކީ ވެސް އެކްސިޑެންޓް ހިގުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބު،" ސޯބެ ވިދާޅުވި އެވެ.
އައްޑޫ ސިޓީ ލިންކް ރޯޑުގައި ހުންނަ ބެންޑާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ އެ ބެންޑު ހުންނަ ދިމާލަކީ ކުނި ގޮނޑު ހުންނަ ދިމާލަކަށް ވެފައި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ކަމަށެވެ. ސަބަބަކީ ކުނިގޮޑަށް ކުނި އުކާލަންދާ ލޮރީތައް މަޑުކޮށްފައި އޮންނަ ވަގުތުގައި ބާރު ސްޕީޑުގައި ދުއްވާފައި އަންނަ މީހާއަށް ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އެގޮތުން ދުއްވުމުގައި ކަނާތަށް އެޅުމާއި ވާތަށް އަދި ޔޫޓާން އެޅުމުގައި އެކަށީގެންވާ ސްޕޭސް ނެތުމަކީ ވެސް މައްސަލައެއް ކަމަށް ސޯބެ ވިދާޅުވި އެވެ.
ސޯބެ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގާ އެކްސިޓެންޓްތައް މަދުކުރުމަށް ބެންޑާއި ދިމާލުގައި ހުންނަ ކުނިގޮނޑު އެހެން ދިމާލަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ލިންކް ރޯޑްގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ލިންކް ރޯޑުގެ ޑިޒައިނަށް ގެނެވޭނެ ބަދަލެއް ނެތް ކަމަށާއި މިހާރު ކުރެވޭނެ ކަމަކީ ލިންކް ރޯޑް މަރާމާތު ކުރުމާއި ހައިވޭއެއްގައި ހުންނަން ޖެހޭ ސަލާމަތީކަންކަން ހަރުދަނާ ކުރުން ކަމަށެވެ. އެގޮތުން ދުއްވުމުގައި ބޭނުންވާ ނިޝާންތައް ޖެހުމަކީ އެކްސިޑެންޓްތައް ހިނގަން މަދުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީގެ ލިންކް ރޯޑް ބެލެހެއްޓަމުގައި ސިޓީ ކައުންސިލަށް ވަަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން މަގު މަރާމާތު ކުރުމަށާއި މަގުގައި ހަރުކުރަން ޖެހޭ ނިޝާންތައް ހަރުކުރުމަށް ބޭނުންވާ ފައިސާ ނެތުމަކީ ކައުންސިލަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އައްޑޫ ލިންކް ރޯޑް ބެލެހެއްޓުމާއި މަރާމާތު ކުރުމަކީ ކޮން ބައެއް ކުރަން ޖެހޭ ކަމެއް ކަން ނޭނގޭ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ. އަދި ވިދާޅުވި ސަރުކާރު ބަދަލުވުމުގެ ކުރިން އައްޑޫ ސިޓީ ލިންކް ރޯޑް ބެލެހެއްޓުމާއި މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސަދަން ޔުޓިލިޓީން ކުންފުންޏާ ކަމަށާއި އެހެން ނަމަވެސް ސަރުކާރު ބަދަލުވުމަށް ފަހު މިހާރު އެކަން އޮތް ގޮތެއް ނޭނގޭ ކަމަށެވެ.
އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގާ އެކްސިޑޭންޓްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ އައްޑޫ ސިޓީ ލިންކް ރޯޑުގައި އެކްސިޑެންޓްތައް ހިނގަން މެދުވެރި ވަނީ ލިންކް ރޯޑް ޑިޒައިން ކުރެވިފައިވާ ގޮތުގެ ސަބަބުން ނޫން ކަމަށާއި އެކްސިޑެންޓްތައް ހިނގަން މެދުވެރި ވަނީ ދުއްވާ މީހުން ދުއްވުމުގައި ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށެވެ.
"އައްޑޫ ސިޓީ ލިންކް ރޯޑުގައި ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓްތައް ދަނީ ހިނގަމުން. ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ކޮންމެ ފަހަރަކީ ނުވަތަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ހުންނަނީ މަގު ޑިޒައިން ކޮށްފައި އޮތް ގޮތުގެ ސަބަބުންނެއް ނޫން. ބައެއް ހާލަތްތަކުގައި އެކްސިޑެންޓްތައް ހިނގާފައި ހުންނަނީ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުންނާއި ބަލަންވާ ވަރަށް ނުބަލައި ފަރުވާ ކުޑަކޮށް ދުއްވުމުގެ ސަބަބުންނާއި އަދި ބައެއް ފަހަރު މަސްތުވެގެން ތިބޭ ހާލުގައި ތިބެގެން ދުއްވުމުގެ ސަބަބުން،" ނާފިޒް ވިދާޅުވި އެވެ.
ނާފިޒް ވިދާޅުވީ އައްޑޫ ސިޓީ ލިންކް ރޯޑް ޑިޒައިން ކުރުމުގައި ވެސް މައްސަލަތަކެއް ހުރިކަން އެ އޮތޯރިޓީ އަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި އައްޑޫ ސިޓީ ލިންކް ރޯޑް ޑިޒައިން ކުރުމުގައި އެ އޮތޯރިޓީގެ އެއްވެސް ލަފައެއް ނުވަތަ އެއްވެސް އެހީއެއް ހޯދާފައިވާ ކަން އެ އޮތޯރިޓީގެ ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި އައްޑޫ ސިޓީ ލިންކް ރޯޑް ޑިޒައިން ކުރުމުގައި ވެސް ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ ލިންކް ރޯޑް ހެދުމުގައި ވެސް އަދި ޑިޒައިން ކުރުމުގައި ވެސް ޓްރާންސްޕޯޓް އޮތޯރިޓީއާ މަޝްވަރާއެއް ކޮށްފައެއް ނެތް. އަޅުގަނޑު ދަންނަވާނީ މިހާ ބޮޑެތި މަޝްރޫޢުތައް ހިންގާ އިރު ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާއި އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ނުކޮށް ކުރިއަށް ދިއުމަކީ ވަރަށް ހިތާމަ ހުރި ކަމެއް،" ނާފިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ ލިންކް ރޯޑްގައި އެކްސިޑޭންޓްތައް ހިނގުމަށް މެދުވެރިވާ އެއް ސަބަބަކީ ހައިވޭއެއްގައި ހުންނަން ޖެހޭ ސަލާމަތީކަންކަން ނެތުން ކަމަށެވެ. އެގޮތުން މަގުގައި އެކަށީގެންވާ ވަރަށް ލައިޓް ނެތުމާއި މަގުގައި ހުންނަން ޖެހޭ ނިޝާންތައް ނެތުމަކީ ވެސް އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބެއް ކަމަށެވެ. ހަމައެހެންމެ އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ލިންކް ރޯޑް ވަރަަށް ބޮޑަށް މަރާމާތު ކުރާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީ ރައްޔިތުންނާއި އަދި އައްޑޫ ސިޓީ ލިންކް ރޯޑް ބޭނުން ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް ލިންކް ރޯޑް އަވަހަށް މަރާމާތު ކުރާން ޖެހެ އެވެ. އަދި އެފަދަ ހައިވޭއެއްގައި ހުންނަން ޖެހޭ ސަލާމަތީކަންކަން ހަރުދަނާކޮށް ދުއްވާ ފަރާތްތަކުން ވެސް ދުއްވުމުގައި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ދުއްވުމުގައި ސަމާލުވުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.