18 Jun 2013, 22:43
ސިއްހީ ޚިދުމަތްދޭ ޗައިނާގެ ޝިޕެއް މިމަހުގެ ފަހުކޮޅު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ ޗައިނާގެ މެޑިކަލް ޝިޕް "ޕީސް އާރކް" ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށާއި އެ ޝިފް ރާއްޖޭގައި އުޅޭނީ ޖުލައި ފަސް ވަނަ ދުވަހާ ހަމައަށް ކަމަށެވެ.
އެ ޝިޕުން ''މިޝަން ހާމަނީ 2013'ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ޝިޕަކީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް ގޮސް އެގައުމުތަކުގައި ތިބި އެކިއެކި ބަލިތަކުގެ މީހުންނަށް ފަރުވާދެވެމުން އަންނަ ޚާއްސަ މެޑިކަލް ޝިޕެއް ކަމަށާއި މި ޝިޕުން ފަރުވާ ހޯދުމަށް އެދޭ ދިވެހީންނަށް ހިލޭ ސިއްހީ ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީފް އިން ބުންޏެވެ. އަދި ބުނީ ފަރުވާ ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމެންޓް ހެއްދުމަށް ވަކި ފޯނު ނަމްބަރެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ޝިފް ރާއްޖެ އަށް ކުރާ ޒިޔާރަތުގައި ޚާއްސަ ޑޮކްޓަރުންގެ ޓީމްތަކަކުން ސެނަހިޔާ ހޮސްޕިޓަލާއި އަދި އައިޖީއެމްއެޗްގައި ވެސް އެކިއެކި ބަލިތަކަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ އިރު ރާއްޖޭގެ ބައެއް ރަށްތަކުގައި ތިބި ބަލި މީހުންނަށަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީފް އިން ބުންޏެވެ.
މާލޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ސިއްޙަތާ މެދު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް އެ ޝިޕުން ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ޝިޕުން ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ދެވޭ ހުރިހާ ޚިދުމަތެއް ލިބެން ހުންނާނެ ކަމަަށާއި އެ ޝިޕްގެ އޯޕީޑީގައި އެއްފަހަރާ 400 ބަލިމީހުންނަށް ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދެވޭ އިރު ދުވާލަކު 40 ސާޖަރީ އެ ޝިޕްގައި ހަދައިދޭނެ ކަމަށް ވެސް އެމްއެންޑީފް އިން ބުންޏެވެ. އަދި އެ ޝިޕްގައި އައިސީޔޫގެ 20 ވޯޑަކާއި، ދަތިކަމެއްނެތި ގިނަ ބަޔަކަށް ޚިދުމަތްދެވޭވަރުގެ ބޮޑު ފާމަސީއެއްގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލެޖީއާ އެކު ލެބޯޓްރީތައް ވެސް ގާއިމް ކުރެވިފައިވާކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މީގެ އިތުރުން އެކްސްރޭގެ ޚިދުމަތުން ފެށިގެން ސީޓީ ސްކޭނާއި އަދި މިނޫނަސް ސިއްޙަތާއި ގުޅުންހުރި ގިނަ ޚިދުމަތްތަކެއް މި ޝިޕުން ލިބެން ހުންނާނެ ކަމަށް ވެސް އެމްއެންޑީފް އިން ބުންޏެވެ.