ސިވިލްސާވިސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ފަހުމީ ހަސަން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނިކޮށް އޭނާ އޮފީހަށް ނުކުންނަވާތީ އެ ކޮމިޝަންގެ މެންބަރުންނާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވެރިން މިނިވަންމުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މެންބަރު ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00ގައި ބާއްވާ އެ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުކުރަން ނިންމާފައި ވަނީ ފަހުމީ ފިޔަވައި ސިވިލްސާވިސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއި ބަންޑާރަ ނާއިބް އާއިޝަތު ބިޝާމް އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ސިވިލްސާވިސް ކޮމިޝަންގެ މެމްބަރުން ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމާފައި ވަނީ ފަހުމީ މަގާމުން ވަކިކޮށްފައި ވަނިކޮށް ކޮމިޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށެވެ.

ބަންޑާރަ ނާއިބް ކޮމެޓީ އަށް ހާޒިރުކުރަނީ އެ މައްސަލައިގައި ދައުލަތުން ދެކޭގޮތް ސާފުކުރުމަށް ކަމަށާއި ފިނޭންސް މިނިސްޓަރު ހާޒިރުކުރަން ނިންމާފައި ވަނީ ފަހުމީ އަށް މަގާމުގެ މުސާރަ ދެއްވާތީ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެބިނެޓް ސެކްރެޓަރީ ހާޒިރުކުރަން ނިންމާފައި ވަނީ އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެކޭ ގޮތް އޮޅުންފިލުވުމަށް ކަމަށެވެ.

އެ މައްސަލައިގައި ރައީސް ޑރ. ވަހީދު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި އެންމެ ރަނގަޅުގޮތަކީ ފަހުމީ އަމިއްލަ އަށް ގޮތެއް ނިންމެވުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ފަހުމީ ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ކުރި ހުކުމް މާނަކުރެއްވުމަށް ފަހު ބަންޑާރަ ނާއިބް ވިދާޅުވެފައި ވަނީ ފަހުމީ އަށް ވަޒީފާ އަށް ނުނިކުމެވޭނެ ކަމަށްވާ އިރު ސުޕްރީމް ކޯޓުން އެ ހުކުމް އެހެންގޮތަކަށް މާނަކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ފަހުމީ އަކީ އެ ކޮމިޝަންގެ މެންބަރެއްކަމަށް މަޖިލީހުން ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުމީގެ ބަދަލުގައި ސިވިލްސާވިސް ކޮމިޝަނަށް މެންބަރަކު ހަމަޖައްސަން މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ އިންޓަވިއު ކުރުން އަންނަ ހަފްތާގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.